މުޅި ރާއްޖޭގައި ތައުލީމު އާންމު ކުރެއްވުމަށް ދިވެހި ފަރުދަކު އަމިއްލަގޮތުން ނުކުރާފަދަ ޚިދުމަތްތަކެއް ދެއްވި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް، ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހް ވިދާޅުވެއްޖެއެވެ.

އަލީ ސާލިހް މިހެން ވިދާޅުވީ، މިހާރު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާނީ މުދައްރިސުންގެ ދުވަހާ ގުޅިގެން އޭނާގެ ޕޭސްބުކް ޕޭޖްގައި ޝާއިއުކުރެއްވި ބަޔާނެއްގައެވެ.

އަލީ ސާލިހް ވިދާޅުވީ، ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުޞަތު ފަހިވެފައި ނެތް އެތައް ދިވެހި ރައްޔިތުންނަށް މަތީ ތައުލީމު ދެއްވީ ގާސިމް އިބްރާހިމްގެ ތަޢުލީމީ އަގުހުރި ދަރުމަހުރި މަސައްކަތްޕުޅުތަކުން ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮލެޖު ކަމުގައިވާ ވިލާ ކޮލެޖުގެ ހުޅުއްވައި، ރާއްޖޭގެ އެންމެ ގާބިލު އެންމެބޮޑު އެދުރު ޑރ އަޙްމަދު އަންވަރު އެކޮލެޖު ހިންގަވަން އިސްކުރެއްވީ ގާސިމްގެ ހިކުމަތު ޢަލަމީން ކަމަށާއި، އެތާނގެދަށުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްވެސް ހިނގަމުން ދާކަން އަލީ ސާލިހް ފާހަގަ ކުރައްވާފައި ވެއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ފެންވަރު ރަނގަޅު ނަމޫނާ ސްކޫލެއްކަންވެސް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

އަދި ވިލާ ފައުންޑޭޝަން އެހީގެ ތެރެއިންވެސް މުޅިގައުމަށް ތައުލީމުގެ ފުރުސަތުތައް ލިބިގެން ގޮސްފައިވާކަންވެސް ޖޭޕީގެ އިސް ތަރުޖަމާނުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

"އެދުރުންގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، އޮނަރަބްލް އޮނަރަރީ ޑޮކްޓަރ ޤާސިމް އިބްރާހީމްގެ އަރިއަހަށް ފޮނުވައި ދުވަހުގެ ވެދުން ބަރުތީލަ ކުރަމެވެ. ދިވެހި ފަރުދަކު އަމިއްލަގޮތުން ނުކުރާފަދަ، ތަޢުލީމީ ޤައުމީ ޚިދުމަތްތައް ކުރައްވާފައިވަނީ އޮނަރަބްލް ޤާސިމް އިބްރާހީމެވެ. މަތީ ތައުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ފަހިވެފައި ނެތް، އެތައް ދިވެހި ރައްޔިތުންނަށް މަތީ ތައުލީމު ދެއްވީ އެމަނިކުފާނުގެ ތަޢުލީމީ އަގުހުރި ދަރުމަހުރި މަސައްކަތްޕުޅު ތަކުންނެވެ" އަލީ ސާލިހް

އަލީ ސާޅިހްގެ މެސެޖްގައި ވިދާޅުވެފައިވަނީ، ގާސިމް އިބްރާހީމް ފަހިކޮށްދެއްވި އެދުރުވެހިކަމުގެ ފިނިހިޔާ އާންމުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އުގަންނައި ދެއްވުމުގެ ފޮނިމޭވާ އާންމުކޮށް ދިވެހި ކުދިބޮޑު އެންމެ ތަކުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.