މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލާ މިއަހަރު ފަހުކޮޅު ބިއްލޫރި ފުޅީގައި ފެން ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މި ސަރުކާރުގެ އެ އަމާޒަކަށް ޕްލާސްޓިކް މަދުކުރުން ނުވަތަ ނައްތާލުން ވެފައި ވާއިރު، އެ ކުންފުނިންވެސް އެ އަމާޒަށް ވާސިލްވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ އޮފިޝަލަކު ވިދާޅުވީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅީގައި ފެން ބާޒާރަށް ނެރުން އެއީ ކުންފުނީގެ ބޮޑު އަމާޒެއް ކަމަށެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބިއްލޫރި ފުޅީގައި ފެން ބޭނުންކުރަން ފެއްޓުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވެ، އިޓަލީގަ އެމްޑަބްލިއުއެސްސީގެ ބޮޓްލިން ޕްލާންޓުގައި އެ މަސައްކަތައް ފެށި މިހާރު ކުރަމުން އަންނަކަމަށެވެ.

އެހެން ނަމަވެސް ކޮވިޑްގެ ބަލިމަޑު ކަމާގުޅިގެން ބިއްލޫރި ފުޅިތައް އުފެއްދުމަށް ހަވާލުކޮށްފައިވާ ޗައިނާ ކުންފުންޏަށް ކޮވިޑް-19 އާ ގުޅިގެން އައި ގޮންޖެހުންތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވެ ލަސްތަކެއް މެދުވެރިކަމަށް ވިދާޅުވިއެވެ.

އެގޮތުން، ޗައިނާ ކުންފުނިން އުފެއްދި 5000 ފުޅި ޓެސްޓުކުރުމަށް އިޓަލީއަށް ފޮނުވަން ޖެހުނު ކަމަށާއި އެ ދޭތެރޭގެ ދަތުރު ފަތުރުގައި ދިމާވި ބައެއް މައްސަލަތައް ފާހަގަކުރިއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، ޓެސްޓުކޮށް ނިމުނުހާ އަވަހަކަށް ބިއްލޫރި ފުޅިތައް ރާއްޖެ ގެނެސް ނޮވެމްބަރު ނުވަތަ ޑިސެންބަރު މަސް ތެރޭގައި މާކެޓަށް ބިއްލޫރި ފުޅީގައި ފެން ނެރޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޝާހު ވަނީ އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދެމުން އަންނަ އިސްކުރުފެނަކީ ބޯން ބޭނުންކުރަން ރައްކާތެރި ފެނެއް ކަމުގައި ވިދާޅުވެ އެކަމަށް 99 ޕަސެންޓްގެ ޔަގީންކަންވެސް ދެއްވާފައެވެ.

އެމްޑަބްލިޔުއެސްސީން ބިއްލޫރި ފުޅީގައި ފެން ބާޒަރަށް ނެރެން ތައްޔާރުވަމުން އަންނަ އިރު ސްޓެލްކޯއިން ވަނީ މިދިޔަ ސެޕްޓެމްބަރ މަހު ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލާފައެވެ.