އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި ކުރިއަށްދާ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 އިން ރާއްޖޭގެ އިތުރު ދެ ބޮޑީބިލްޑަރެއް މެޑަލް ހޯދައިފިއެވެ.

މީގެކުރިން މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދު ރިހި މެޑަލް ހޯދިއިރު އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާން ވަނީ ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ 6 ބޮޑީބިލްޑަރުން ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު އެއީ އަޒްނީން އާއި ހިމްޔާނުގެ އިތުރުން މުޙައްމަދު މޫސާ އާއި، މުޙައްމަދު ރަޝީދާއި، ފަތުހުﷲ މުޙައްމަދު އަދި އިބްރާހީމް ނަބީލެވެ.

ރިހި މެޑަލް ހޯދި ބޮޑީބިލްޑަރުންގެ ތެރެއިން މުޙައްމަދު މޫސާ ރިހި މެޑަލް ހޯދާފައިވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ. މި ފަހަރުގެ މުބާރާތުން މުޙައްމަދު މޫސާ ރިހި މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އޭނާ ވަނީ ހަމަ މި ކެޓަގަރީން ލޯ މެޑެއްޔެއް ހޯދާފައެވެ.

އަދި މުޙައްމަދު ރަޝީދު ރިހި މެޑަލް ހޯދީ 65 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގައި ވާދަކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތާކުން މުޙައްމަދު ރަޝީދު ހޯދި ފުރަތަމަ މެޑެއްޔެވެ.

މި މުބާރާތުން އަޒްނީން ލޯ މެޑަލް ހޯދާފައިވަނީ މެންސް ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިންނެވެ. މި ފަހަރުގެ މުބާރާތުން އަޒްނީން ލޯ މެޑެއްޔެއް ހޯދިއިރު، ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައިވެސް އޭނާ ވަނީ ހަމަ މި ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ހިމްޔާން ލޯ މެޑަލް ހޯދީ މެންސް އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިންގައި ވާދަކޮށްގެންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތާކުން ހިމްޔާން ހޯދި ފުރަތަމަ މެޑެއްޔެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ކުރިއަށްދާއިރު މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު އެކުލަވާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ.