ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު އަސްލަމާމެދު ހިތްހަމަޖެހިވަޑައިނުގެން، މެމްބަރު ނާޒިލް ވަނީ ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރައްވައި، "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ. މަޖިލީހުގެ އިދާރާ ތެރޭގައި އެފަދަ ކަމެއް ކުރެއްވުމުން އެ މައްސަލަ ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސައިން) އެވެ.

މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި، މެމްބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުގެ ތެރެއިން ބަލަމުން ދާނެ ކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ބައެއް މީޑިއާ ތަކަށް ވިދާޅުވެފައެވެ.

މެމްބަރު ނާޒިލް ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް، ވޯޓް ފޮއްޓެއް ކައިރީ ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށް އަޑުފެތުރިފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ނާޒިލް ވާދަކުރެއްވި ނަމަވެސް، އިންތިހާބުގައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.