ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އަޅައިދޭނެ ބައެއް ހޯދުމަށް އަލުން އިއުލާނުކޮށްފިއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި ދެ ސްކޫލު އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބުނީ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކުރީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބޭނުންވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ދެ ސްކޫލެއް ޑިޒަައިންކޮށް އިމާރަތް ކުރާށެވެ.
އެ މަސައްކަތަށް ރާއްޖެެއާއި ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭ އިރު އެކަމަށް ބީލަށް ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތައް އިތުރުވަމުން އަންނައިރު ދެވަަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ވަނީ ނިންމައިފައެވެ. އަދި ބައެއް ސްކޫލުތައް އެޅުމަށް ކުންފުނިތަކާ މީގެ ކުރިން ވަނީ ހަވާލުކޮށްފައިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ޕްރައިވެޓް ސްކޫލެއް އަޅަން އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.