ޔުކްރެއިން އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (ޔޫއައިޓީއެމް) ގައި ވިޒިޓް މޯލްޑިވްސްއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 5 އިން 6 ވަނަ ދުވަހަށް ޔުކްރެއިންގެ ކިއެވްގެ އިންޓަރ ނެޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކަމަށާއި މިހަރަކާތުގެ ތެރެއިން ދިވެހިރާއްޖެ ވަނީ ބެސްޓް އައިލެންޑް ޑެސްޓިނޭޝަންގެ ސެޓްފިކެޓް ހާސިލުކޮށްފައި ކަމަށެވެ.
ޔޫއައިޓީ.އެމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޔުކްރެއިން އަދި ބައިނަލްއަގްވާމީ ފަރާތްތަކުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
ޔޫއައިޓީއެމްގައި ދުނިޔޭގެ 20 ގައުމެއްގެ އެތައް ސަތޭކަ ކުންފުންޏަކުން ބައިވެރިވާއިރު މީގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ކަންކަމުގައި ޝާމިލުވާ ކުންފުނިތަކާއި، ހޮޓެލް، ރިޒޯޓް އެއަލައިންސް، އެއަރޕޯޓު، އަދި ބައިނަލްއަޤްވާމީފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އޯގަނައިޒޭޝަންތަކާއި، ގައުމުތަކުގެ ފަތުރުވެރިކަމާބެހޭ އިދާރާތަކާއި، އެޖެންސީތައް ހިމެނެއެވެ.
މި ހަރަކާތަށް ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ އަދި ލިބިގަންނަ ގިނަ ކުންފުނިތަކާއި، ފަރާތްތަކުން ޒިޔާރަތްކުރެއެވެ.
ވިޒިޓް މޯލްޑިވްސް އާއެކު ޔުކްރެއިން އިންޓަނޭޝަނަލް ޓްރެވަލް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 4 ކުންފުންޏަކުން ބައިވެރިވެ ބައްދަލްވުންތަކާއި، ނެޓްވޯކިން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ބައްދަލްވުންތަކާއި ސެޝަންތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ ފަތުރުވެރިންޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެއެވެ.
އަދި ޔުކްރެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، ޔުކްރެއިންގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމަތު ހިއްސާކުރެވޭނެއެވެ.
މިގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް،ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.
މިއީ ޔުކްރެއިންގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގޭ ހަރަކާތެކެވެ.
މި މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްއިން މި އަހަރު މިހާތަނަށްވަނީ ރަޝިއާ އަދި ސީއެސްއައި ސަރަހައްދަށް ހާއްސަ ހަރަކާތުގައި ބައިވެރިވެފައެވެ.
މީގެއިތުރުން ރަޝިއާ އަދި ސީއެސްއައި ސަރަހައްދަށް ހާއްސަ ބިނާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.