ފުލުހުންގެ މަތީ ފަންތީގެ ބައެއް އޮފިސަރުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި މައްސަލަ އެ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ހާމަކުރައްވާ، އެ އޮފިސަރުން ތަމްސީލުކުރައްވާ ލޯ ފަރމް، ދިވެހި ޗޭމްބަރސްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަކިކުރަން ބޯޑުން ލަފާދިން 7 އޮފިސަރުންގެ ތެރެއިން 5 އޮފިރުންނަކީ އެ ލޯ ފަރމްގެ މުވައްކިލުން ކަމަށެވެ.
ދިވެހި ޗޭމްބަރސްއިން ތަމްސީލްކުރައްވަނީ އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި، ސުޕްރިޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް މުޙައްމަދު ދާއޫދެވެ.
ލޯ ފަރމްއިން ނެރުނު ބަޔާނުގައި ވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުން ޕޮލިސް ބޯޑަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން އެ ފަސް އޮފިސަރުން މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ފުލުހުންގެ މުއައްސަސާއަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މިހާރުވެސް ހިދުމަތުގައި ދެމިތިއްބެވި ބެފުޅުންކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ބޭފުޅުންގެ ތެރެއިން އަޙްމަދު މުޙައްމަދާއި ޖަމްޝީދު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު މަޤާމުން ވަކިކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، އެކަން އަންގައި ސެޕްޓެންބަރު 30 ގައި ދެ ބޭފުޅުންނަށް ފުލުހުންގެ އިދާރާއިން ނޯޓިސް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
ދިވެހި ޗޭމްބަރސްއިން ބުނިގޮތުގައި އެ އޮފިސަރުން މަގާމުން ވަކިކުރުމަށް ފެންނަކަމަށް ޕޮލިސް ބޯޑުން ނިންމީ އެއިން އެއްވެސް އޮފިސަރަކަށް ދިފާއުގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނުދީއެވެ.
އެހެންކަމުން އެ އޮފިސަރުންނަށް ލިބޭ ދުސްތޫރީ އަދި އިޖުރާއީ ހައްގުތައް ގެއްލިފައިވާ ކަމަށްވެސް ލޯ ފަރމުން ނެރުނު ބަޔާނުގައި ވެއެވެ.
މީގެއިތުރުން، އެނިންމުމުގައި އިޖުރާއީ ފުށުއެރުންތައް ހުރުމާއެކު އެ އޮފިސަރުންގެ ހައްގުތައް ހޯދުމަށްޓަކައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން އޮފިސަރުން ވަކިކުރުމުގެ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށްވެސް އެދިފައިވާނެ ކަމަށް ދިވެހި ޗޭމްބަރސްއިން ބުނެއެވެ.
އަދި ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސްއެޅޭނެކަމެއް ނުކުރުމަށް އަމުރުކޮށްދިނުމަށްވެސް ކޯޓުގައި އެދިފައިވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތް ތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައެވެ.