ގައުމިއްޔަތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިއަދު މި ފާހަގަކުރަނީ، ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުމަށާއި، އަމިއްލަ މިނިވަންކަމަށާއި ސިޔާދަތަށް، އަދި ދިވެހިންގެ ޤައުމިއްޔަތަށާއި، ދިވެހިންގެ ދީނީ ޢަޤީދާއަށްވެސް، އެންމެ ބޮޑު ނަޞްރެއް ލިބުނު ދުވަސްކަމަށެވެ. ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސްކަމަށެވެ.

މިއީ ދޮށީ ޤައުމިއްޔަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއީ ދިވެހި ކާބަފައިންގެ އެތައް ޖީލެއްގެ ފުށުން ވާރުތަކުރި ވަރަށް މަތިވެރި އަމާނާތެއްކަމަށެވެ. މި އަމާނާތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޤައުމީ ދުވަސް އެބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެ ރަދުންގެ ޤައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، ދިވެހި ފަސްގަނޑަށްޓަކައި ޤުރުބާންވެވަޑައިގެންނެވި، ފަރާތްތަކުން ވެދެއްވި މަތިވެރި ޤައުމީ ޖިހާދުގެ ހަނދާން އާކޮށް އެ ބަޠަލުންގެ ފުރާނަފުޅަށްވެސް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ޤައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުންކަމަށެވެ. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީވެސް އެއީ ކަމަށެވެ. ޤައުމީ ތަރައްޤީއަށްޓަކައި ކުރާ ކޮންމެ ކަމެއް، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ޤާއިމުކުރާ ކޮންމެ ގުޅުމެއް، ބިނާކުރަނީ ވަރަށް ވަރުގަދަ ތަރަހައެއްގެ މަތީގައިކަމަށް ރައީސް ވިދާޅުވިއެވެ.

"އަދުގެ ދުނިޔެ ދަންނަނީ ޞުލްޙަޔާއި މިނިވަންކަމުގެ ބަސްމަގު. އަދުގެ ދުނިޔެ ގޮވައިލަނީ، އެކުވެރިކަމާއެކު ލާމެހިގެން އުޅެން. އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް، މިއަދުގެ ވިސްނުން ތަނެއްނުދޭ. އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަޤުވާމީ މުޖުތަމަޢާ ބީރައްޓެހި ކަންކަން. ބާރާއި ނުފޫޒަކީ، ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރެވޭނެ ވަސީލަތެއް ނޫން. ދުނިޔޭގެ ހުރިހާ ދިމާއަކުން އަޅުގަނޑުމެންގެ ލޯތަކަށް ފެންނަމުން ހާމަވަމުން އެދަނީ މި ޙަޤީޤަތްތައް. ރާއްޖެއަކީވެސް މި ދެންނެވި އުޞޫލުތަކާއި ހަމަތައް ފުރިހަމައަށް ޤަބޫލުކުރާ ޤައުމެއް. ބައިނަލްއަޤްވާމީ މުޖުތަމަޢާ މުޅިން އެކަހެރިވެފައި އޮތް އަހަރުތަކަކަށްފަހު، މިއަދު ދިވެހިރާއްޖެއަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރާއި ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޤައުމެއް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން އެކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އަޚުލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަށްވެސް އެމަނިކުފާނު މި ރަސްމިއްޔާތުގައި ވަނީ ބާރުއަޅުއްވާފައެވެ. އަދި ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖްތަމަޢަށް ނެރުމަށާއި، ދިވެހިވަންތަ ޝަޚުޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ޤައުމީ ވާޖިބަކަށް ހެދުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މި ޤައުމުގެ އަންނަން އޮތް ޖީލުގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަށްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.