ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ވިލޭރޭ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމާއި އެ ދުވަހު ދިވެހި ބަތަލު ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ މޭސްތިރިކަމުގެ ދަށުން ދިވެހީން ކުރި ޖިހާދާއި މަސައްކަތުގެ ވާހަކަ ހަނދާން ވޭ ހެއްޔެވެ؟

ދިވެހީން އެދުވަހަކަށް ފަޚުރުވެރިވާން ޖެހޭ ގައުމީ ދުވަހުގެ މަތީން ހަނދާން އެބަހުރި ހެއްޔެވެ؟

ގިނަ މީހުންނަށް ގައުމީ ދުވަސް އެނގެނީ ކަލަންޑަރުގައި ރަތް އަކުރުން ސަރުކާރު ބަންދު ދުވަހެއް ކަމަށް އޮންނާތީހެން ހީވެއެވެ. ނަމަވެސް، ދިވެހީންނަށް ގައުމީ ދުވަސް އެނގޭންވާނީ ހިތުގައި ގައުމަށް އޮތް ލޯތްބާއި ދިވެހިވަންތަ ގައުމީ ރޫހުގެ ސަބަބުންނެވެ. މި މުހިންމު ދުވަސް ހަނދާނުގައި ނުހުރުމުގެ އިތުރުން ގައުމީ ދުވަސް ފާހަގަކުރާ ސަބަބާއި ޕޯޗުގީޒުންނާ ދެކޮޅަށް މުހައްމަދު ތަކުރުފާނު ކުރެއްވި ވަރުގަދަ ހަނގުރާމައާ ބެހޭގޮތުން އެނގޭ ދިވެހީންވެސް ވަރަށް މަދެވެ.

ރާއްޖޭގެ ގައުމީ ދުވަހަކީ ގާނޫނުއަސާސީގައި އެދުވަހުގެ ވާހަކަ ބަޔާންކުރާ ހަމައެކަނި ދުވަހެވެ. އެއީ ގައުމީ ވަންތަކަން ދިވެހިންގެ ވިންދާއި ލޭގައި ކެކިއަރަންޖެހޭ ދިވެހިންގެ އެންމެ މުހިންމު ދުވަހެވެ. އެހެންކަމުން، މިދުވަސް ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވެމުން އަންނަ އިރު މި އިބުރަތުން ފުރިގެންވާ މަތިވެރި ޖިހާދުގެ ވާހަކަތައް ފުރިހަމައަށް އިނގުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކުރަން އައި ފުރަތަމަ ފަހަރު އެބައި މީހުން ނާކާމިޔާބު ވީއެވެ. އަދި ދެވަނަ ފަހަރުވެސް ހަމަ މިފަދައިން ނާކާމިޔާބުވެ ދިވެހިންނަށް ނަސްރު ލިބިގެން ދިޔައީއެވެ. ރާއްޖޭގެ ތަޚުތައް އައްސުލްތާން އަލީ ހަވަނަ އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް އަލި ރަސްގެފާނު ޝަހީދު ކޮށްލުމަށްފަހު އަނދިރިއަނދިރިން ރަސްކަމަށް އެރީއެވެ.

ދެން ފެށިގެން ދިޔައީ އަނިޔާވެރިކަމުން ފުރިގެންވީ ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ތާރީހުގެ ކަޅު ސަފްހާތަކެވެ. ދެކުނުގެ ތިން އަތޮޅެއް ކަމަށްވާ ހުވަދޫ، ފުވައްމުލަކު އަދި އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ހިސާބުތަކަށް ޕޯޗުގީޒުންގެ އަނިޔާވެރިކަން ފެތުރިގެން ދިޔައެވެ.

ލާއިންސާނީ އެތައް އަމަލެއް ހިނގަމުން ދިޔުމާއެކު ނާއިންސާފުން ދިވެހިންނަށް އެތައް އަނިޔާއަކާ އަދަބެއް ލިބެމުން ދިޔައެވެ. ދީނީ މިނިވަންކަމާއެކު މުޅި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައެވެ. މި ދަރަޖައަށް ރާއްޖޭގެ ހާލަތު ގޮސްފައިވަނިކޮށް ދިވެހި ލޭހިނގާ ދިވެހި ދަރިންތަކެއް މިކަމާ ދެކޮޅަށް ތެދުވެ ދިވެހިން އަޅުވެތިކަމުން މިނިވަން ކުރުމަށް ނިންމިއެވެ. އުތީމު ހުސެއިން ހަތީބު ތަކުރުފާނުގެ ތިން ދަރިކަލުން މުހައްމަދު ތަކުރުފާނު، ހަސަން ތަކުރުފާނު އަދި އަލީ ތަކުރުފާނު މިގައުމު މިނިވަން ކުރަން އަޒުމު ކަނޑައެޅުމަށްފަހު މިކަމުގެ ބާނީ އަކަށް މުހައްމަދު ތަކުރުފާނު ހަމަޖެއްސެވިއެވެ.

މުޙައްމަދު ތަކުރުފާނު އެމަނިކުފާނުގެ އެކުވެރިންނާގެން މާލެ އަރުއްވައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި އަނދިއަނދިރިންގެ ކަރަށް ބަޑިޖައްސަވައި އޭނާ މިދުނިޔެއިން ވަކިކުރެއްވިއެވެ. އަދި ރާއްޖެއަށް އަލުން މިނިވަންކަން ހޯއްދަވައިދެއްވެވިއެވެ.

މުހައްމަދު ތަކުރުފާނާ އެ ތަކުރުފާނުގެ ލަޝްކަރުން ކުރެއްވި މި އިބުރަތުން ފުރިގެންވާ ޖިހާދުގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހެއެވެ. މިކަން ކުރެވޭނީ އަދުގެ ޒުވާނުން މިކަމުގެ ރަނގަޅު މައުލޫމާތު ހޯދާ ދިރާސާކުރުމަށް ފަހު މާދަމާގެ ޒުވާނުންނަށް ވާންތިބި ކުޑަކުދިންނަށް މި ވާހަކަތައް ހިއްސާ ކޮށްގެންނެވެ.