ސިންގަޕޫރުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަންނަ ބޭރުގެ ނުފޫޒުތަކާ ކުރިމަތިލުމަށް ސިންގަޕޫރުން ގާނޫނެއް ފާސްކޮށްފިއެވެ.

ނަމަވެސް، މި ގާނޫނާ ދެކޮޅު ފަރާތްތަކުން ބުނަނީ، މިއީ ސަރުކާރާ ދެކޮޅު ޚިޔާލުގެ މީހުންގެ އަޑުތައް ކަނޑުވާލައި އެމީހުން ހުއްޓުވަން ބޭނުންކުރަން ހެދި ގާނޫނެއް ކަމަށެވެ.

ބޭރުގެ ނުފޫޒުތަކާ ކުރިމަތިލުމުގެ މި ގާނޫނު ސިންގަޕޫރުން ފާސް މިކުރީވެސް އެ ގާނޫނާމެދު ބޮޑެތި ޚިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށެވެ.

ސިންގަޕޫރުގެ ޕާލަމެންޓުން މިގާނޫނު ފާސްކުރީ، 10 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ހޫނު ބަހުސަށް ފަހުގައެވެ.

އަލަށް ފާސްކުރި ގާނޫނުގެ ދަށުން، ބައެއްކަހަލަ މައުލޫމާތު ފަތުރާ މީހުންގެ ވަނަވަރު އާންމުކުރަން ސޯޝަލް މީޑިއާ ސައިޓްތަކަށާއި، އިންޓަނެޓުގެ ޚިދުމަތްދޭ ތަންތަނަށް އަމުރުކުރުމުގެ ބާރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިބިދީފައި ވެއެވެ.

އަދި ސިންގަޕޫރުގެ އެތެރޭގައި ތިބެގެން ފަތުރާ ދެކޮޅުވެރި މައުލޫމާތުތައް ބްލޮކްކުރަން އަމުރުކުރުމުގެ ބާރުވެސް ލިބިދީފައި ވެއެވެ.

އެފަދަ ވާހަކަތައް ފަތުރާ ޖަމާއަތްތައް ނުވަތަ ވަކިވަކި ފަރުދުން އެކުރަނީ ސިޔާސީ މަސައްކަތްތަކެއް ކަމަށް ކަނޑައެޅުމުގެ ބާރު ގާނޫނުން ސަރުކާރަށް ލިބިދޭއިރު، އެފަދަ ފަރާތްތަކަށް ބޭރުން ލިބިދޭ މާލީ މައުލޫމާތު އާންމުކުރަން މަޖުބޫރުވެސް ކުރެއެވެ.

މިގާނޫނާ ޚިލާފްވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި ޖަލަށްލުމުގެ ބާރުވެސް ލިބިދެއެވެ.

މިފަދަ ގާނޫނެއް ފާސްކުރުމުން ސިންގަޕޫރުގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިގެން ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯތްތައް ބުނެއެވެ.

މިމައްސަލާގައި ހިއުމަން ރައިޓްސް ވޮޗުގެ އޭޝިޔާ ޑެޕިއުޓީ ޑިރެކްޓަރ ފިލް ރޮބަޓްސަން ވިދާޅުވީ، ސިންގަޕޫރުން ފާސްކުރި ގާނޫނަކީ، ކޮމިއުނިޓީ އެކްޓިވިސްޓުންނާއި، މިނިވަން މީޑިއާއާއި އަދި ސިޔާސީ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވި އިންސާނީ ހައްގުތަކުގެ ކާރިސާއެއް ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، ސިންގަޕޫރުގެ މީހަކާއި ބޭރުގެ ފަރާތަކާ އޮންނަ ގުޅުމަކަށް ތުހުމަތުކޮށް ކޮންމެފަދަ އިރަކުވެސް މީހުން ހިފައި ހައްޔަރުކޮށް އަދަބު ދިނުމުގެ ބާރު ސަރުކާރަށް ލިބިދޭ ކަމެވެ.

އެކަމަކު ސިންގަޕޫރު ސަރުކާރުން ބުނަނީ، މިފަދަ ގާނޫނެއް އެ ގައުމަށް ވަރަށް މުހިންމު ކަމަށެވެ. ސިންގަޕޫރަކީ ތަފާތު ދަރިކޮޅުތަކާއި، ނަސްލުތަކާއި ދީންތަކުގެ މީހުން ދިރިއުޅޭ ގައުމަކަށްވުމުން، ސިޔާސީ ކަންކަމާ ގުޅޭ ދޮގު މައުލޫމާތުތައް ފެތުރުމުން މުޖުތަމައުގެ ތެރޭގައި ފިތުނަފަސާދަ އުފެދި ހަމަޖެހުން ގެއްލިގެންދާ ކަމަށް ބުނެފައި ވެއެވެ.

ބޭރުގެ ނުފޫޒުތައް ހުއްޓުވަން ކަމަށްބުނެ ސިންގަޕޫރުން މިފަދަ ގާނޫނެއް ހެދިއިރު، ރަޝިޔާ، އޮސްޓްރޭލިއާފަދަ ގައުމުތަކުންވެސް މީގެކުރިން ވަނީ މިފަދަ ގާނޫނުތައް ތައާރަފް ކޮށްފައެވެ.

ސިންގަޕޫރުން 2019 ވަނަ އަހަރުވެސް ވަނީ ޚިޔާލުތަފާތުވުން ބޮޑު ގާނޫނެއް ވުޖޫދުކޮށްފައެވެ. އެއީ، ފޭކް ނިއުސްއާ ދެކޮޅު ގާނޫނެކެވެ.

އެ ގާނޫނުތަކުގެ ދަށުން، އޮންލައިން ޕްލެޓްފޯމްތަކަށް ފާރަލުމުގެ އިތުރުން، ޕްރައިވެޓް ޗެޓް ގްރޫޕްތައް ހޭވުމުގެ ބާރުވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިބިދީފައި ވެއެވެ.