އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސަޕޯޓަރުން ދެއްކީ ލާމަސީލު ސަޕޯޓެއް ކަމަށާއި ކުރިއަށް އޮތް މެޗުގައިވެސް އެކަން ފެންނާނެކަމާއިމެދު ޝައްކު ނުކުރާކަމަށް ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

މުބާރާތުގައި މިރޭ ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޒެއިން ވިދާޅުވީ އުންމީދުކުރި ވަރަށްވުރެ މާބޮޑަށް 12 ވަނަ ކުޅުންތެރިޔާ ނުވަތަ ދިވެހި ސަޕޯޓަރުންގެ ޒިންމާ އެމީހުން އަދާކުރިކަމަށެވެ. އަދި ގަބޫލުކުރައްވާ ގޮތުގައި މިރޭގެ މެޗުގައިވެސް އެކަން ފެންނާނެކަމަށް ސުޒެއިން ވިދާޅުވިއެވެ.

" 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ އަޅުގަނޑުމެން ވިސްނިވަރަށްވުރެވެސް، މާ ރަނގަޅަށް ނޭޕާލް މެޗުގައި، އަޅުގަނޑުމެން އުފަލުން ފޮޅޭވަރަށް 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ އެމީހުން އަދާކުރި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ މިރޭގެ މެޗުގަވެސް ހަމަ އެ ކޮލިޓީގަ އެހުރިހާކަމެއް އަންނާނެ. އެޔަކަށް އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނެތް".
ހެޑް ކޯޗް އަލީ ސުޒެއިން

ސުޒެއިން މިހެން ވިދާޅުވިއިރު ނޭޕާލް މެޗުގައި ގައުމީ ޓީމަށް ސަޕޯޓުކުރުމަށް އެތައް ހާސް ސަޕޯތަރުންނެއް ދަނޑަށްވަދެ ވަނީ ގައުމީ ޖޯޝުގައި ދިވެހި ޓީމަށް ސަޕޯޓުކޮށްފައެވެ. ހާއްސަކޮށް ނޭޕާލް ޓީމަށް ބޯޅަ ލިބޭ ކޮންމެ ވަގުތެއްގައި ސަޕޯޓަރުންގެ ސަޕޯޓުގެ އަޑުގަދަވުމުގެ ސަބަބުން ނޭޕާލް ޓީމަށް ބޯޅަ ހިފެހެއްޓުމުގައިވެސް ދަތިތަކެއް ކުރިމަތިވިއެވެ.

ނޭޕާލް އަތުން އެމެޗުން ރާއްޖެ 0-1 އިން ބަލިވިނަމަވެސް މެޗުގައި ދިވެހި ޓީމުން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މުޅިމެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރީ ދިވެހި ޓީމުންނެވެ. އެހެންނަމަވެސް ރަނގަޅު ފުރުސަތެއް ނުލިބި، ރާއްޖެ ޓީމަށް ގޯލެއް ނުޖެހުނުއިރު މެޗުގައި ނޭޕާލުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 86 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެމެޗުގައި ކުޅެންއެރި މަނީޝް ޑާންގީ އެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝް ވަނީ މިހާތަނަށް ދެމެޗު ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 0-1 އިން މޮޅުވިއިރު ދެވަނަ މެޗުގައި ވަނީ އިންޑިއާ އާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކޮށްފައެވެ.

މިރޭގެ މެޗަކީ މުބާރާތުގައި ބޭނުންވާ މަންޒިލަށް ވާސިލުވުމަށް ދިވެހި ޓީމަށް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ސުޒެއިންގެ އިތުރުން ކެޕްޓަން އަކްރަމް އަބްދުލްޣަނީ ވެސް ފާހަގަކޮށްފައިވާއިރު މިމެޗަށް ވިއްކުމަށް ކަނޑައަޅާފައިވާ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ.

5000 މީހުންގެ ޖާގައިގެ ގަލޮޅު ދަނޑުގައި މިިމެޗު ކުޅޭއިރު މެޗުގައި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކާފައިވަނީ 200 ޓިކެޓެވެ. އެއީ ސާފްގެ ގަވައިދުގައިވާގޮތުން ހޯމް ޓީމު ކުޅޭ މެޗުތަކުގައި އަވޭ ޓީމަށް ވިއްކުމަށް ކަނޑައަޅާފައިވާ މިންވަރެވެ.

އެހެންކަމުން މިރޭގެ މެޗުގައި 4800 ދިވެހިން ގަލޮޅު ދަނޑަށްވަދެ، ދަނޑު ފުރާލާ ދިވެހި ޓީމަށް ގައުމީ ޖޯޝުގައި ހިތްވަރުދޭނެއެވެ.