ކަށަވަރު ނުވާ ކަންތައްތަކެއް ހުރި ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވާ ދުވެލި ރަނގަޅުވެއްޖެކަމަށް ވޯލްޑް ބޭންކުން ބުނެފިއެެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވަނީ، ފަތުރުވެރިކަން ކުރިއަރައި، މިފަހުން ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ އިތުރު ރާޅުތަކުން އަރައިގަތުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވަމުންދާކަމަށެވެ.

އެހެންނަމަވެސް، އިގްތިސާދު އަނބުރާ އިއާދަވުން ނާޒުކު ފައްތަރެއްގައި ހުރިއިރު އަދި އެއްވަރެއްގައި ހިފެހެއްޓިފައި ނުވާއިރު، އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދުވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވާސިލްވުމަށް އަދި ދިގު ދަތުރެއް ކުރަންޖެހޭ ކަމަށެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު، "ޝިފްޓިން ގިއާޒް: ޑިޖިޓައިޒޭޝަން އެންޑް ސާވިސަސް-ލެޑް ޑިވެލޮޕްމަންޓް"ގެ ނަން ދީފައިވާ ދެކުނު އޭޝިއާގެ އިގްތިސާދީ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 22.3 އިންސައްތައިގައި އަދި އަންނަ 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. މި ލަފާކުރުން ބިނާކޮށްފައިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބަލައިގެންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އެއްވަރެއްގައި ކުރިއަރައި، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ގައި އިއާދަވާނެ ކަމަށް ބެލެވޭކަމަށް ވޯލްޑް ބޭންކުން ލަފާލުރެއެވެ. ރާއްޖޭގެ ފަގީރުންގެ ނިސްބަތް މި ހިނގާ 2021 ވަނަ އަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ރާއްޖެ އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިޡާއިން އަރައިގަތުމުގެ މަގުމަތީގައިކަމަށެވެ. ނަމަވެސް މީގެކުރިން ކުރިމަތި ނުވާވަރުގެ މިބޮޑު އިގްތިސާދީ ކާރިޡާއިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސާދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭކަމަށް ފާރިސް ވިދާޅުވިއެވެ.

ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ވަނީ ކޮވިޑް-19ގެ ކާރިޡާގެ ތެރޭގައި ބާރުވެފަ އެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މިސަރަހައްދުން ބޭރުންވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ.

ވޯލްޑް ބޭންކުން ބުނީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ބައްޓަންކުރުމުގަ އާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭކަމަށެވެ. ހަމައެއާއެކު ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި ހުރިހާ ދިވެހިންނަށްވެސް ޓެކްނޮލޮޖީގެ އާ ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރަންވެސް ޖެހޭކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޗީފް އިކޮނޮމިސްޓް ހޭންސް ޓިމާ ވިދާޅުވީ، ތަކެތި އުފެއްދުމާ ގުޅުންހުރި ސިނާއަތްތަކަށް ވަނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުން ހިދުމަތްތައް، ހާއްސަކޮށް ފަތުރުވެރިކަމާއި ވިޔަފާރި ހިންގުމާ ގުޅުންހުރި ހިދުމަތްތައް، އެކްސްޕޯޓުކޮށްގެން އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ވުރެ މި ދާއިރާގައި ކުރި ހޯދުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ހިދުމަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދީ ކުރިއެރުމުގެ ފައިދާ އެންމެ އެކަށޭނެ ގޮތުގައި ނެގުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކުން ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، އުފެއްދުންތެރި ހިޔާލުތަކާއި ވާދަވެރިކަން ކުރިއަރުވާނެ މުއައްސަސާތައް ގާއިމްކުރަން ޖެހޭކަމަށްވެެސް ހޭންސް ޓިމާ ވިދާޅުވިއެވެ.