އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ މެޗްޑޭ-3 ގައި ލަންކާ އާއި ދެކޮޅަށް ކުޅެ އިންޑިއާ އިން އަނެއްކާވެސް ޕޮއިންޓަކުން ފުއްދާލައިފިއެވެ.

މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ބަންލްދޭޝް އާއި ދެކޮޅަށްކުޅެ 1-1 އިން އެއްވަރުވެފައިވާއިރު ލަންކާ އާއި އިންޑިއާގެ ކުރިމަތިލުން އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިއީ މިފަހަރުގެ މުބާރާތުގައި ލަންކާ އިން ހޯދި ފުރަތަމަ ޕޮއިންޓެވެ. މިހާތަނަށް ތިންމެޗު ލަންކާއިން ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ލަންކާ ބަލިވީ ބަންގްލަދޭޝް އަތުންނެވެ. އަދި ދެވަނަ މެޗުގައި ނޭޕާލް އަތުން ލަންކާ ވަނީ 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މެޗު ފަށައިގެން އިންޑިއާ އިން އަވަސް އަދި އެޓޭކިންގ ގޭމެއް ކުޅުނު ނަމަވެސް ލަންކާގެ ޑިފެންޑަރުން ވަނީ އިންޑިއާގެ ގޭމްޕްލޭނަށް ހުރަސްއަޅާ މޮޅުކުޅުމެއް ދައްކާފައެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގައި އިންޑިއާ އިން 11 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާއި އަމާޒުވާގޮތަށް އެންމެ ހަމަލާއެއް އުފެއްދުމެވެ. މުޅި މެޗުގައި ލަންކާ އަށް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ.

މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓުކުރީވެސް އިންޑިއާ އިންނެވެ. އެގޮތުން މުޅި މެޗުގެ 73 އިންސައްތަ ޕޮޒެޝަން ހިފެހެއްޓީ އިންޑިއާ އިންނެވެ.

މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށް، ފޭވަރިޓުންގެ ގޮތުގައި މިފަހަރުގެ މުބާރާތާއި ކުރިމަތިލި އިންޑިއާ އަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު އިންޑިއާ އަށް މިވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ އުންމީދު ކުޑަވެފައެވެ. ބާކީ އެޓީމަށް ދެމެޗު އޮތްއިރު އެދެމެޗުން މޮޅުވެގެންވެސް އިންޑިއާ އަށް ލިބޭނީ ޖުމްލަ 8 ޕޮއިންޓެވެ. އެއާ ހިލާފަށް އެއްވަނައިގައި އޮތް ނޭޕާލަށް ކުޅުނު ދެމެޗުން 6 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބަންގްލަދޭޝް އަށް ދެމެޗުން 4 ޕޮއިންޓް ލިބިފައިވެއެވެ.

މިރޭ ރާއްޖެ އާއި ދެކޮޅަށް ބަންގްލަދޭޝް ނުކުންނަ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑުވާނެއެވެ. ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ 21:00 ގައެވެ.