ސާފް ޗެމްޕިއަންޝިޕްގެ މެޗްޑޭ-3 ގައި ރާއްޖެއިން ފަސޭހަކަމާއެކު ބަންގްލަދޭޝް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު އައުކޮށްފިއެވެ.

މެޗުގައި، ހާއްސަކޮށް ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔަ މިމެޗު ރާއްޖެއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ހަމަލާއެއް އުފެއްދީ ބަންގްލަދޭޝުންނެވެ. ފުރަތަމަ ހާފުގެ 2 ވަނަ މިނެޓުގެ ތެެރޭގައި އޭރިއާ ތެރޭގައި ހުރެފައި މިހަމަލާ ފޮނުވާލީ އެޓީމުގެ ބިޕްލޯ އަހްމަދު އެވެ.

އެހެންނަމަވެސް ރާއްޖެ ޓީމުން ވަނީ ފުރަތަމަ ފަސްވަރަކަށް މިނެޓުތެރޭގައިވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކޮށްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ރާއްޖޭގެ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ ލިބުނު އަނިޔާއަކާއި ގުޅިގެން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ އިބްރާހިމް އައިސަމް އެވެ.

ރާއްޖެ ޓީމުން ވަނީ މެޗުގެ 28 ވަނަ މިނެޓުގައި ވަރަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އިތުބާރުަ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ބޯޅައެއް ބަންގްލްލަދޭޝް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން، ހުސެއިން ނިހާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ހާފުގެ އެންމެ ފަހުވަގުތު ކޮޅުގެ ތެރޭގައި ރާއްޖެ ޓީމުން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.. ރާއްޖެ ޓީމުން ދަނޑުގެ ދެ އަރިމަތި ބޭނުންކޮށްގެން ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔައިރު މި ހަމަލާތައް ހުއްޓުވުމަށް ބަންގްލަދޭޝް ޓީމުގެ ކުޅުންތެރިން ގިނަފަހަރު ދިޔައީ ފައުލުކުރަމުންނެވެ.

ސެޓް ޕީސް ތަކުގައިވެސް ދިވެހި ޓީމުން ތަފާތުދައްކަމުން ދިޔައިރު 44 ވަނަ މިނެޓުގައިި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ދަގަނޑޭވެސް ވަނީ ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް ބަންގްލަދޭޝްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ބަންގްލަދޭޝްގެ ކީޕަރު އަންސުރް ރަހްމާން އެވެ.

ދެވަނަ ހާފު ދިވެހި ޓީމުން ފެށީ އެޓޭކިންގ ވިސްނުމެއްގައި ބަދަލަކާއި އެކުއެވެ. ދެވަނަ ހާފުގައި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)ގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ވަނީ ކުޅެން އަރުވާފައެވެ.

މިހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގެ ތެރޭގައިވެސް ދިވެހި ޓީމުން ވަނީ އިދިކޮޅޫގެ ހާފު ތެރޭގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކޮށްފައެވެ.

އެގޮތުން މިހާފުގެ 7 ވަނަ މިނެޓުގައި ސެންޓޭ ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލާފައެވެ. މިބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީ ކީޕަރު އަންސުރް ރަހްމާން އެވެ.

މެޗުގައި ރާއްޖޭއިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 55 ވަަނަ މިނެޓުގައެވެ. ސެންޓޭ ނަގައިދިން ކޯނަރެއް އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިން ދިފާއުކުރުމަށް މަސައްކަތްކުރިނަވަމެސް، ދެވަނަ ފަހަރަށް ރާްއްޖޭގެ ހުސެއިން ނިހާން (ނިހާޓު) ބޯޅަ ހޯދާފައި ހަމްޕު އަށް ޖައްސާލުމުން ހަމްޕު ފޮނުވާލި އޯވަހެޑް ކިކް ވައްދާލީ ގޯލުގެ ތެރެއަށެވެ.

މޮޅަށް ކުޅެމުންދިޔަ ރާއްޖެއިން ލީޑު ފުޅާކުރީ 73 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ރާއްޖޭގެ ޒުވާން ތަރި ދާދުއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

އަދި އޭގެ ދެމިނެޓުފަހުންވެސް ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ދަގަނޑޭ އާއި ދާދުގެ މޮޅު ކުޅުމަކަށްފަހު ދަގަނޑޭ ޖައްސާލި ޕާހެއް އޭރިއާ ތެރޭގައި ހުރެފައި ސެންޓޭ ފޮނުވާލި ނަމަވެސް، ބޯޅަ ތަންކޮޅެއް މަޑުން ފޮނުވާލެވުމުން ބަންގްލަދޭޝްގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ.

އަދި އޭގެ މިނެޓެއްފަހުން ދަގަނޑޭ އާއި ހަމްޕު ގުޅިގެން އޭރިއާ ތެރޭގައި ރަނގަޅު ހަމަލާއެއް އުފައްދަން މަސައްކަތް ކުރިނަމަވެސް މިފަހަރު ހަމްޕުއަށް ބޯޅަ ފޮނުވާލެވުމުގެ ކުރިން ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ އޭނާއަށް ހުރަސް އަޅާފައެވެ.

މެޗުން މޮޅުވެ ރާއްޖެއިން ތިން ޕޮއިންޓު ހޯދިއިރު މެޗް-ޑޭ ތިނެއް ނިމުންއިރު ރާއްޖެ އޮތީ ޕޮއިންޓު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި މިމެޗުން ބަލިވި ބަންގްލަދޭޝް އޮތްއިރު އެއްވަނައިގައި އޮތީ ރާއްޖެ އަތުން ފުރަތަމަ މެޗުގައި މޮޅުވި ނޭޕާލް އެވެ. ތާވަލުގެ ފުލުގައި އެއް ޕޮއިންޓާއެކު ސްރީ ލަންކާ އޮތްއިރު ހަތަރުވަނަ ލިވެބީ ދެ ޕޮއިންޓާއެކު އިންޑިއާ އަށެވެ.

މުބާރާތުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރެވެ. އެމެޗުގައި ރާއްޖެ ނުކުންނާނީ ލަންކާ އާްއި ދެކޮޅަށެވެ. އަދި އެރޭ 21:00 ގައި ވަރުގަދަ ނޭޕާލް ނުކުންނާނީ މުބާރާތުގެ ފޭވަރިޓުން ކަމަށް ކުރިން ބެލެވުނު އިންޑިއާ އާއި ދެކޮޅަށެވެ.