ދިވެހިރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހު ދިވެހިރާއްޖޭގެ ފަހުރު ކަމުގައިވާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ދިވެހިންނަށްދިން ހަދިޔާ ދިވެހިންނަށް ކަމުގޮސްފިއެވެ.

ދުވަސްތަކަކަށްފަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގެ ފަޅުކަން ގެއްލި، ގައުމީ ޓީމުން ކުޅުނު ދެމެޗުގައިވެސް 12 ވަނަ ކުޅުންތެރިޔާ ވަނީ ދަނޑަށް ވަދެ ދަނޑު ފުރާލާފައެވެ. ދިވެހި ސަޕޯޓަރުން ދެއްކި މިސާލަކީ އެހެން ޓީމުތަކުގެ ކުޅުންތެރިންނަށް އެކަމުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ފުރިހަމަ ނަމޫނާއެކެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗް އަލީ ސުޒެއިން ވެސް ވަނީ އެކަން ފާހަގަކޮށް، ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ ދިވެހި ސަޕޯޓަރުން ފުރިހަމައަށް އަދާކުރިކަން ފާހަގަކޮށްފައެވެ.

ފަހުރުވެރި ގައުމީ ދުވަހުގެރޭ ދިވެހި ޓީމު ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެ، ދެއްކީ ފާހަގަކޮށްލަންޖެހޭވަރުގެ މޮޅު ކުޅުމެކެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓާ، ދެވަނަ ހާފުގައި ދެލަނޑު ކާމިޔާބުކޮށް މެޗުން މޮޅުވެ، ގައުމީ ޓީމުން މި އުފާވެރި ގައުމީ ދުވަހު ދިވެހިންނަށް ދިން ހަދިޔާ، ދިވެހިން ބަލައިގަތީ ނުހަނު އުފާވެރިކަމާއި ހިނިތުންވުމާއި އެކުއެެވެ.

12 ވަނަ ކުޅުންތެރިޔާ ވަނީ އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފަ- ފޮޓޯ:- އަލީ ޖުމާން ފުވާދް / ވީނިއުސް

4800 ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، ބަންގްލަދޭޝް ޓީމު މާޔޫސްކޮށްލިނަމަވެސް، ދިވެހިންނަށް ލިބިގެންދިޔަ އުފާވެރިކަން މެޗަށްފަހު ދަނޑު ހިމެނޭ ސަރަހައްދުގެ އިތުރުން މުޅި މާލެއިންވެސް ފެންނަމުން ދިޔައެވެ. ސައިކަލުތަކުގައި ގައުމީ ޓީމުގެ ސަޕޯޓިންގ "އެންތަމް" ދޭހަވާ އަޑުގެ ބަރުގޮނު އަޅުވަމުން ޓީމުގެ 12 ވަނަ ކުޅުންތެރިން ދުއްވީ، ގައުމީ ޓީމަށް އައްސަރިބަހާ ސާބަސް ކިޔަމުންނެވެ.

މިއީ ހަމަ "މަގޭ މަހަލްދީބް" އޭ ގޮވަމުން ފައިމަގުގައިވެސް އެތައް ދިވެހިންތަކެއް ދިޔައީ އުފާވެރިކަމާއެކު ގައުމީ ޖޯޝުގައި ޓީމަށް ޝުކުރު އަދާކުރަމުންނެވެ.

12 ވަނަ ކުޅުންތެރިޔާ ވަނީ އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފަ- ފޮޓޯ:- އަލީ ޖުމާން ފުވާދް / ވީނިއުސް

މެޗުގެ 55 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ހިތްގައިމު ލަނޑާއެކު ދިވެހިންގެ އަޑުގަދަވެ މުޅި ދަނޑުގައި އިވެމުންދިޔައީ ޓީމަށް ހިތްވަރުދިނުމުގެ އަޑެވެ.

މިއީ ދިވެހި ފުޓުބޯޅައަށް، ހާއްސަކޮށް ގައުމީ ޓީމަށް ނުހަނު ބޭނުންވެފައި އޮތް، އަދި ކުރިއަށް އޮތްތާވެސް ބޭނުންވާނެ ސަޕޯޓެކެވެ. އަބަދުވެސް ގައުމީ ޓީމުގެ ފަހަތުގައި ދިވެހިން ތިބުމަށް އެދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެދެމުންދާއިރު މިހާ ހިސާބުން އަދި ދިވެހިންނަށް މި މަސައްކަތް ހުއްޓާލެވޭކަށް ނެތެވެ.

12 ވަނަ ކުޅުންތެރިޔާ ވަނީ އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފަ- ފޮޓޯ:- އަލީ ޖުމާން ފުވާދް / ވީނިއުސް

ބޭނުންވާ މަންޒިލަށް ހާސިލް ވުމަށްޓަކައި ކުރިއަށް އޮތް ދެމެޗު ކާމިޔާބު ކުރުމަށްވެސް، ގައުމީ ޓީމަށް 12 ވަނަ ކުޅުންތެރިޔާ ވާނީ މުހިންމު ކުޅުންތެރިއަކަށެވެ.

ރާއްޖެއިން މިމަހުގެ 10 ވަނަ ދުވަހު ސްރީ ލަންކާ އާއި ދެކޮޅަށް ނުކުންނައިރު ފަހު މެޗުގައި ވާދަވެރި އިންޑިއާ އާއި ދެކޮޅަށް ނުކުންނާނީ 13 ވަނަ ދުވަހުއެވެ. ފައިނަލުން ޖާގައެއް ހޯދުމަށް މި ދެމެޗުވެސް ކާމިޔާބުކުރުމަކީ މުހިންމު ކަމަކަށް ވާއިރު، ލަންކާ އާއި ދެކޮޅަށް ނުކުންނަ މެޗުގެ ޓިކެޓުތައް 8 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެއެވެ. އަދި އިންޑިއާ އާއި ދެކޮޅަށް ނުކުންނަ މެޗުގެ ޓިކެޓު ވިއްކާނީ 11 ވަނަ ދުވަހުއެވެ.