ސާފް ޗެމްޕިއަންޝިޕުގައި ބުރާސްފަތި ދުވަހުގެރޭ ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދި މެޗުގައި ރެެފްރީގެ ގިނަ ނިންމުންތައް ގޯސް ކަމަށާއި އެހެންންމަވެސް މެޗުން ރާއްޖެ ހޯދި މޮޅަކީ ހައްގު މޮޅެއް ކަމަށް ބަންގްލަދޭޝްގެ ކޯޗް އަސްކާ ބްރުޒޮން ބުނެފިއެވެ.

ރާއްޖެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮސްކާ ވަނީ މެޗުގައި ރެފްރީ ހުރީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށްބުނެ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން މިފަދަ ބޮޑު މުބާރާތަށް މިމެޗުގައި ރެފްރީކަން ކުރި ހަސަން ޔޫސުފް ސައީދު އަކީ އެކަށީގެންވާ ރެފްރީއެއް ނޫން ކަމަށާއި އުންމީދު ކުރަނީ ވީއެންމެ އަވަކަށް އޭނާ މި މުބާރާތުން ބޭރުކުރުން ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ ބުނާނީ ކީކޭކަމެއް. ބޭނުމެއް ނޫން 'ބޭން' އެއް އަންނާކަށް. އެކަމު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ރެފްރީގެ ނިންމުންތައް ހުރީ ވަކި ކޮޅަކަށް ބުރަވެފަ. މެޗުގައި ފަސް ކާޑު އަހަރުމެންނަށް ލިބުނު. އަހަރެންގެ އުންމީދަކީ ވީ އެންމެ އަވަހަކަށް މި މުބާރާތުން އޭނާ ބޭރުކުރުން. މިކަހަލަ ބޮޑު މުބާރާތަކަށް އެކަށީގެންވާ ވަރުގެ ރެފްރީއެއް ނޫން އެއީ".
ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން

އޮސްކާ އިތުރަށް ބުނީ މެޗުން ބަންގްލަދޭޝް ބަލިވުމުގައި ރެފްރީގެ ގޯސް ނިންމުންތައް އެއީ އެއް ސަބަބު ކަމުގައިވީނަމަވެސް އެއީ އެންމެ ބޮޑު ސަބަބު ނޫން ކަމަށެވެ. އަދި މެޗުން ރާއްޖެ މޮޅުވީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށާއި، ރެފްރީގެ އެހީ އާއި ނުލާވެސް މެޗުން މޮޅުވުގެ ފެންވަރު ރާއްޖެ ޓީމުގައި ހުންނާނެކަމަށް އަދި މިއީ ރާއްޖެއަށް ހައްގު މޮޅެއް ކަމަށްވެސް އޮސްކާ ބުންޏެވެ.

"މެޗުން ބަލިވި މައިގަނޑު ސަބަބަކީ ރެފްރީ އެއް ނޫން. ރާއްޖެ ރަނގަޅަށް ކުޅުން އެއީ ސަބަބަކީ. ރާއްޖެއަށް ރެފްރީގެ ފަރާތުން އެ އެހީ ބޭނުމެއްވެސް ނުވާނެ. މެޗުގައި ރެފްރީ ދެއްކި ހުރިހާ ކާޑަކާ، ދިން ފައުލަކާ އެހެން ހުރިހާކަމެއްގެ ފައިދާވީ ރާއްޖެ ޓީމަށް. އެކަމުގެ ސަބަބުން ޓީމު ފްރަސްޓްރޭޓް ވާނެ. ރެފްރީގެ ނިންމުންތައް އެއީ އެއް ސަބަބު. އެކަމު އެއީ މައިގަނޑު ސަބަބެއް ނޫން މެޗުން ބަންގްލަދޭޝް ބަލިވުމުގެ".
ބަންގްލަދޭޝްގެ ކޯޗް އޮސްކާ ބްރުޒޮން

އޮސްކާގެ ފާޑުކިޔުންތައް ރެފްރީއަށް އަމާޒުވެފައިވާއިރު މެޗުގައި އެޓީމުގެ ފަސް ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ރެފްރީގެ ނިންމުންތައް ބުނާގޮތުން މެޗުގައި އެޓީމުގެ ކުޅުންތެރިން ވަނީ ޖުމްލަ 30 ފައުލު ކޮށްފައެވެ.

އޮސްކާގެ ތައުރީފު ރާއްޖެ ޓީމަށް ލިބުނުއިރު ރާއްޖެއިން ވަނީ މެޗުގެ 67 އިންސައްތަ ބޯލް ޕޮޒެޝަން ހިފަހައްޓާފައެވެ. އަދި މުޅި މެޗުގައި ރާއްޖެ ޓީމުން 12 ހަމަލާއެއް އުފައްދާފައިވާއިރު 6 ހަމަލާއެއް ވަނީ ގޯލާއި އަމާޒުވާގޮތަށް ފޮނުވާލާފައެވެ.

ފޮޓޯ:- އަލީ ޖުމާން ފުވާދް / ވީނިއުސް

މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ހަމްޒާ މުހަންމަދު (ހަމްޕު) ކާމިޔާބު ކޮށްދިން އިރު ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މެޗު ކާމިޔާބުކޮށް ރާއްޖެއިން މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު ހޯދިއިރު ރާއްޖެ މިވަގުތު އޮތީ ދެމެޗުން ހޯދި 3 ޕޮއިންޓާއެކު ޕޮއިންޓު ތާވަލުގެ 3 ވަނައިގައެވެ. ރާއްޖެ ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރު އެވެ. އެމެޗުގައި ރާއްޖެ ނުކުންނާނީ ތާވަލުގެ ފުލުގައި އޮތް ސްރީ ލަންކާ އާއި ދެކޮޅަށެވެ.