ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދި މެޗުގައި ތަފާތަކަށްވީ ގެނައި ބަދަލުތަކެއް ނޫން ކަމަށާއި، އެތަފާތު ދެއްކީ ޓީމުގެ ހުރިހާ ކުޅުންތެރިންކަމަށް ގައުމީ ޓީމުގެ ކޯޗް، އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

މެޗަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ސުޒެއިން ވިދާޅުވީ މެޗުގައި ދިވެހި ޓީމުން ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ކުޅުންތެރިންގެ މޯޓިވޭޝަން އާއި ކުރި މަސައްކަތް ކަމަށެވެ. އަދި ގެނައި ބަދަލުތަކަކީ ކުޅުންތެރިއެއްގެ ކުޅުން ދަށްވެގެން ނޫންކަމަށާއި އެނޫން ގޮތެއް ނެތިގެން ކަމަށްވެސް ސުޒެއިން ވިދާޅުވިއެވެ.

"މި މެޗުގަ ބަދަލްތަކަކުން ނޫން ތަފާތު ފެނުނީއެއް. ތަފާތު ފެނުނީ ދިވެހި ކޮންމެ ކުޅުންތެރިއެއްގެ މޯޓިވޭޝަން އާއި އެމީހުންގެ މަސައްކަތް. ބަދަލުތައް ގެނައީ އިންޖަރީވެގެން، މަޖުބޫރުވެގެން ކުރި ބަދަލުތަކެއް އެއީ. ފުރަތަމަ ހާފުގައި ބަދަލުތައް ނާންނައިރުގަވެސް ބޭނުންވި ގޭމު ކުޅުނު އެހެންނަމަވެސް ސްކޯ ނުކުރެވިގެން ދިޔައީ. އެހެންނަމަވެސް ވިއްސަކަށް ތިރީހަކަށް މިނެޓު ކުޅެފަވާ ކުޅުންތެރިއަކީ ފްރެޝް ކޮށް ދަނޑަށް އަރާ ކުޅުންތެރިއަކާ އެހުންނަ ތަފާތު ފެނިގެން އެދިޔައީ".
އަލީ ސުޒެއިން

މީގެއިތުރުން ސުޒެއިން ވަނީ ހުސެއިން ނިހާން (ނިހާޓު)ގެ ފަރާތުން މެޗުގައި ފެނުނު މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ.

"ފާހަގަކޮށްލަން ޖެހޭ ނިހާނުގެ ފަރާތުން އެ ފެނުނު ތަފާތު ކުޅުން. އެއީ އޭނަގެ ފަރާތުން އެކުޅުން ބޭނުންވެގެން ޓްރެއިނިންގަ އޭނަ ބަދަލުކޮށްފަ އެޔަށް ވޯކް ކުރީ. ހާއްސަކޮށް އެޓޭކިންގަ އޭނަ މުހިންމު ރޯލެއް އަދާކުރާގޮތަށް މެދަށް ލައިގެން އޭނަ މި ކުޅުނީ. އެހެންވީމަ އޭގެ ފައިދާ މެޗުގަ ވަރަށް ރަނގަޅަށް ފެނުނު".
އަލީ ސުޒެއިން

ސުޒެއިންގެ ތައުރީފު ނިހާޓު އަށް ލިބުނުއިރު މެޗުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑަކީ އޭނާގެ އެސިސްޓަކުން ހަމްޒާ މުހަންމަދު (ހަމްޕު) ކާމިޔާބު ކޮށްދިން ލަނޑެކެވެ. ރާއްޖެއަށް ލީޑު ނަގައިދިން ލަނޑަކީ އޭރިއާ ތެރެއިން ނިހާޓް ބޮލުން ޖައްސާލި ބޯޅައެއް ހަމްޕު ވަނީ އޯވާހެޑް ކިކަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މެޗުން މޮޅުވެ ރާއްޖެއިން މުބާރާތުގެ ފައިނަލުގެ އުންމީދެއް ހޯދިއިރު ދެން ރާއްޖެ ނުކުންނާނީ ތާވަލުގެ ފުލުގައި އޮތް ސްރީ ލަންކާ އާއި ދެކޮޅަށެވެ. 10 ވަނަ ދުވަހުގެ ހަވީރު ކުޅޭ މިމެޗަކީ ރާއްޖެއިން މުބާރާތުގައި ކުޅޭނެ ތިންވަނަ މެޗެވެ.