އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދުގެ ރިޔާސަތުން މުޅި ދުނިޔެއަށް ފަތުރުއްވަވާ އުންމީދުގެ ފަސް ދޯދިން ރާއްޖޭގެ ގައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސްގެ ދެ ކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން، އަބްދުﷲ ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަގާމު ދިވެއްސަކު ފުރުއްވަމުންގެންދަވާ ކަމީ، ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަޚުރަކާއި ޝަރަފެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ މުޖްތަމަޢުގެ އެހީތެރިކަމާ އެހެން ގައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި، ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާ އަދި އދ. މަޖިލީހަކީ އެންމެންގެ ހައްގުތަކަށް އިހްތިރާމްކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުސޫލަކުން، ހުރިހާ ގައުމުތަކާ މެދު މުއާމަލާތުކުރެވޭ މުއައްސަސާއަކަށް، ވުމަކީވެސް ރާއްޖެއިން އެދޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ މި ހުރިހާކަމަކަށް ލިބުނު އުންމީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގަނެފައިވާ ކަމުގެ ހެއްކެއް. އަދި މިއީ ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ހަރުދަނާ ގުޅުމަކުން ގުޅިފައިވާކަމުގެ ނިޝާނެއް. އ.ދ.ގެ ޢާންމު މަޖިލީހުގެ އުންމީދުގެ ރިޔާސަތުގައި، ބައިނަލްއަގުވާމީ މުޖްތަމަޢުގައި މިހާރަށް ވުރެ ވެސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ނަން ފެވިގެން ދިއުމަކީ އުންމީދެއް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ދެކަނބަލުންގެ އިތުރަށް ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.