އދ.ގެއާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް، ދިވެހި ދައުލަތުން އެރުވި އިއްޒަތުގެ ލަގަބަކީ އެމަނިކުފާނަށް ހައްގު ޝަރަފެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަބްދުﷲ ޝާހިދަށް އެރުއްވުމާއި ގުޅިގެން ސާހިދަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޢަބްދުﷲ ޝާހިދު ރާއްޖެއަށް ހޯއްދަވާ ދެއްވި ޝަރަފަކީ އެމަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއްކަމަށެވެ.

އަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ.

އަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމާއި ގުޅިގެން އެމްޑީޕީންވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

އެމްޑީޕީން ބުނީ ޝާހިދަށް ޢިއްޒަތުގެ އެ ލަގަބު އަރުވާފައިވަނީ އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވުމާއި އަދި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އިހްތިރާމާއި އިތުބާރު ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވާ ކަމަށެވެ.

އަދި އެމަނިކުފާނު ރާއްޖޭގެ ޚާރިޖިއްޔާއަށާއި ދައުލަތަށް ގިނަ އަހަރުތަކަކަށް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަ ކުރައްވާ."
އެމްޑީޕީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދަށް ދައުތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން އެ މުޙިއްމު ދައުރު ގާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ އެ ޕާޓީއަށް ވެސްލިބުނު ނުހަނު ބޮޑު ޝަރަފެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.