މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް އަތޮޅުވެރެއަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އަތޮޅުތެރެއަށް ފޮނުވުމަށް ގަނެފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން މިހާތަނަށް އަތޮޅުތެރެއަށް ފޮނުވާފައިވަނީ 20 އެމްބިއުލާންސް ކަމަށާއި އަދި 1 މަސް ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

އަދި އެއަށްފަހު އިތުރު 20 އެމްބިއުލާންސް ގެނެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިއަހަރުގެ ޖޫން މަހުގެ ދިހަވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް އޭރު ވިދާޅުވީ، އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައި ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.