ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ ގައުމަށްޓައި ކާބަފައިން ވެވަޑައިގެންފައިވާ ބޮޑެތި ގުރުބާނީތަކާއި, ޒިކުރާ އައުކޮށްގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ ކާބަފައިން ވެވަޑައިގެންފައިވާ ބޮޑެތި ގުރުބާނީތަކާއި, ޒިކުރާ އައުކޮށް އެގުރުބާނީ ތަކަށް ފަޚުރުވެރިވާ ބަޔަކު ގައުމުގައި ދެމިތިބެގެން ކަމަށާއި ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާއި, ސިފަތައް ބަލައިގަނެ ދަމަހައްޓައިގެން ކަމަށެވެ.

ކާބަފައިންގެ ފުށުން ވާރުތަކޮށްފައިވާ ހިތްވަރާއި އަޒުމާއި, ރިވެތި އަހުލާގީ ސިފަތަކުގެ މައްޗަށް ހެދިބޮޑުވާ ޖީލުތައް ބިނާކޮށް ތަރުބިއްޔަތުކޮށްގެން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުތަކުން މެދުކެނޑުމެއްނެތި އުތީމުގައި ގައުމީ ދުވަސް ނުވަތަ ގައުމީ ޖަލްސާ ބާއްވަމުން ގެންދަނީ ބޮޑުތަކުރުފާނަށް އެރުވޭ މަތިވެރި އިހުތިރާމަކާއި, ޝަރަފެއްގެ ގޮތުގައި ކަމަށެވެ.

އެތަކުރުފާނު އުފަންވެވަޑައިގެންނެވި ރަށުގެ ރައްޔިތުންނަށް އަދާކުރެވޭ އަދަބު ތައުބީނެއްގެ ގޮތުގައި. ތަކުރުފާނުގެ ކިބައިން ހިތްވަރުލިބިގަނެ މިގައުމު އަބަދަށްޓަކައި މިނިވަންކަންމަތީ ބޭއްވުމަށް ޖިހާދުކުރުމުގެ ހިތްވަރާއި އަޒުމު އާކުރާނެ ބައެއްގެ ގޮތުގައި މިރަށުގެ ރައްޔިތުންނާއި, ރާއްޖޭގެ ރައްޔިތުން ދެމިތިބުމަށް ހިތްވަރުދިނުން. މެދުކެނޑުމެއްނެތި ބޮޑުތަކުރުފާނުގެ ހަނދާންތައް ދަމަހައްޓަމުން އެތަކުރުފާނުގެ ގަނޑުވަރު ރައްކާތެރިކުރަމުން މިހިސާބަށް ގެނެސްދެއްވިކަމަށްޓަކައި އުތީމްގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރާއި ވެދުންތައް އަރިސްކުރަން."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ބޮޑުތަކުރުފާނު ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެޖިހާދު ގެނެސްދިނުމަށްޓަކައި ފެށި ވަރަށް މުހިއްމު މަސައްކަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ކާމިޔާބުތަކާއި, ނަތީޖާ ނެރެފައިވާ މީހުންގެ ވާހަކަތަކާއި, އެމީހުންގެ ބައޮގްރަފީއާއި, އަދި ދުނިޔޭގެ ކާމިޔާބީތަކުގެ, ކާމިޔާބީތައް ނެރުއްވުމުގެ ފަލްސަފާވެރިންގެ ބަސްތަކަށް ބަލާއިރުވެސް އެއީ އެންމެން އެއްބަސްވާ ވަރަށްބޮޑު ހަގީގަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.