ފޮރިން މިނިސްޓަރުގެ މަގާމުގައި ހުރެ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރެވޭނެ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދައްކަވާ ބައެއް ވާހަކަތައް ގާނޫނާއި ޚިލާފުކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ އެމަނިކުފާނު ފަދަ ނިކަމެއްޗަކަށް ހައްގު އިއްޒަތެއް ނޫން ކަމަށް އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ދެ މަގާމުގައި ހުރެގެން ކަންބޮޑުވުން ފާހަގަކުރާ ފަރާތްތަކުން އެކަންކުރަނީ ސައްޙަ ދުސްތޫރީ އަދި ގާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް، ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫން ކަމަށެވެ.

އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ގައުމުގެ ތަކުގެ ޚާރިޖީ ވަޒީރުން، ޚާރިޖީ ވަޒީރުކަމުގެ މަގާޤާމުގައި ދެމިތިބެ ކުރައްވާފައިވާ ކަމަށް ދޭހަވާގޮތަށް ވިދާޅުވެފައި ވަނީ ހަގީގަތާ ޚިލާފަށް؛ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުރެ، UNGA ގެ ރައީސްކަމަށް ހޮވިފައިވަނީ ދެެތިން ގައުމެއްގެ ޚާރިޖީ ވަޒީރުން، އެ ބޭފުޅުން އެ މަގާމަށް ހޮވިވަޑައިގަތުމުން ޚާރިޖީ ވަޒީރުކަމުގެ މަގާމަށް "އެކްޓިން" ވަޒީރުން އެ ގައުމުތަކުގެ ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް އައްޔަން ކުރެވުނުކަން އެނގެން އޮންނަ ކަމަށްވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ޑރ.ދީދީ ވިދާޅުވީ ރާއްޖޭގެ އެކި މަގާމުތަކުގައި އެކިދުވަސްވަރު ތިއްބެވި ބޭޭބޭފުޅުން ބޭރުގެ އެކި މަގާމުތައް ފުރުއްވާފައިވާކަން ޝާހިދު ފާހަގަކުރައްވާފަވާއިރު ދައުލަތުގެ މަގާމެއް ފުރުއްވާ ބޭފުޅަކު ބައިނަލް އަގުވާމީ އިދާރާ/ކޮމިޓީ އެއްގެ ދާއިމީކޮށް ޙާޒިރުވެ ހުންނަން ނުޖެހޭ ޕްރޮފެޝަނަލް މަގާމެއްގައި ހުރުމަކީ ދުސްތޫރީ ގޮތުން ފުށުއަރާކަމެއް ނޫން ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި އަބްދުﷲ ޝާހިދަށް ނުހުންނެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންވެސް ދަނީ ސަރުކާރަށް ފަޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން ސަރުކާރުން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައެއްނުވެއެވެ.