ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގެއް ކަމަށް ފުރަތަމަ ފަހަރަށް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްނެގުމާއެކު މިފަދައިން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 48 ވަނަ އާންމު ބައްދަވުމުގައި ތިއްބަވާ މެމްބަރުންގެ މެދުގައި ނެގުނު ވޯޓުންނެވެ.

ކައުންސިލްގައި ތިއްބަވާ 47 މެމްބަރުންގެ ތެރެއިން 43 ގައުމަކުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 4 މެމްބަރުން ތިބިއިރު، އެގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓުލާފައިއެއްނުވެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން ފާއިތުވީ އަހަރުން ފެށިގެން، މިހައްގު އދ ގައި ކަނޑައެޅުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން، ޖެނީވާގައި އެކި ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި އ.ދ. ގެ އާންމު މަޖިލީހުގައި މިކަމަށް ތާއިދު ހޯދުމުގެ ގޮތުން ވަކާލާތު ކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިކަމުގައި ރާއްޖެއާއިއެކު މަސައްކަތްކުރި އެހެން ޤައުމުތަކާއި ގުޅިގެން ހުށަހެޅުނު ބަޔާންތަކަށް 69 އަށް ވުރެ ގިނަ އދ. ގެ މެމްބަރު ގައުމުތަކުން ތާއިދުކޮށްފައިވާ އިރު، މި ގަރާރު ފާސްކުރުމަށް އެއް ލައްކައަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން އަދި 1300 އަށް ވުރެއް ގިނަ މަދަނީ ޖަމިއްޔާތަކުން އދ. އަށް ގޮވާލާފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ނިންމުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެޅިގެންދިޔަ އިންގިލާބީ ފިޔަވަޅެއް ކަމަށެވެ. އަދި، މި ނިންމުމުގެ ސަބަބުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާއި ސީދާ ގުޅިފައިވާކަމެއްކަމަށް ގައުމުތަކުން ބަލައިގަނެފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޖައްވު ސާފުކޮށްބެހެއްޓުމާއި، ރައްކާތެރި މާހައުލެއް ބިނާކުރުމަށާއި ތިމާވެއްޓަށް ގެއްލުންހުރި ވިހަ ގޭސްތައް ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.

މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއް. ދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު، ދިވެހި ޚާރިޖީ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ފުރިހަމަކަމާއި، ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ހާމަވެގެންދިޔަ އަލިގަދަ ދަލީލެއް.
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް

މީގެއިތުރުން، ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި އަދި ބިންތިރި އެހެން ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ތަހައްމަލުކުރަންޖެހިފައިވާ ގައުމުތަކަށް ވީހިނދު، މިފަދަ ހައްގެއް އ.ދ. އިން ކަނޑައެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އިންސާނީ ހައްގުތަށް އެންމެ ފުރިހަމައަށް ލިބިގަތުމަށާއި، އެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުނު މުހިންމު ނިންމުމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.