އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކުރި ތާލިބާން ޖަމާއަތާއި، އެމެރިކާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަތައް ފަށައިފިއެވެ.

މުޅި އަފްޣާނިސްތާނު ތާލިބާނުންގެ ބާރުގެ ދަށަށް ގެނައިފަހުން އަދި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ފައިބައިގެން ދިޔަފަހުން އެ ޖަމާއަތާއި އެމެރިކާއިން ގެންދިޔައީ މުއާސަލާތު ކުރަމުންނެވެ.

ނަމަވެސް، މިއީ އެމެރިކާ ސަރުކާރުގެ މަންދޫބުންނާއި، ތާލިބާން ޖަމާއަތުގެ މަންދޫބުންނާ ދެމެދު ސީދާ ސީދާ ވާހަކަތައް ބައްވާ ފުރަތަމަ ފަހަރެވެ.

ތާލިބާން ޖަމާއަތުގެ އިސް މަންދޫބުންނާއި، އެމެރިކާގެ ވަފުދާ ދެމެދު މަޝްވަރާތައް ފެށީ ގަތަރުގެ ވެރިރަށް ދޯހާގައި މިއަދުއެވެ.

މި މަޝްވަރާތައް މިއަދާއި މާދަމާ ކުރިއަށް ދާނެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނުވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ، ތާލިބާނުންނާއެކު ބާއްވާ ވާހަކަތަކުގައި އަފްޣާނިސްތާނުގެ އަންހެނުންނާއި، އަންހެން ކުދިންގެ ހައްގުތައް ހިމެނޭގޮތުން އަފްޣާނިސްތާނުގެ ރައްޔިތުންގެ ހައްގުތަކަށް ތާލިބާނުން އިހްތިރާމް ކުރުމުގެ މައްޗަށް ބާރުއަޅާނެ ކަމަށެވެ.

ހަމަ އެއާއެކު، ހުރިހާ ދަރިކޮޅުތައް ހިމެނޭ އެންމެންގެ ތާއީދު އޮންނަ ސަރުކާރެއް އެކުލަވާލުމުގެ މައްޗަށްވެސް ބާރުއަޅާނެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ތާލިބާނުގެ އަތްދަށަށް އަފްޣާނިސްތާނު ދިޔަފަހުން އެގައުމުގެ އިގްތިސާދުވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. އަދި އިންސާނީ އެހީ ވަރަށް ބޮޑަށްވަނީ ބޭނުންވެފައެވެ.

އެހެންކަމުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ބޭރުގެ އެހީދޭ ޖަމާއަތްތަކަށް މިނިވަންކަމާއެކު އަފްޣާނިސްތާނުގައި މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށްވެސް ތާލިބާން ޖަމާއަތާއެކު ބާއްވާ މަޝްވަރާތަކުގައި އެދޭނޭ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިންވަނީ ބުނެފައެވެ.