ސޯޝަލް މީޑިއާ ބައިނަލްއަގްވާމީ ވިއުގަ، ފޭސްބުކް ކުންފުނިން، ފޭސްބުކް ބޭނުންކުރާ މީހުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ފޭސްބުކުން މައާފަށް އެދުނީ، މި ހަފްތާގައި ދެވަނަ ފަހަރަށް ފޭސްބުކް ޑައުންވުމާ ގުޅިގެންނެވެ.

ދެވަނަ ފަހަރަށްވެސް ފޭސްބުކް ޑައުންވީ، ކޮންފިގަރޭޝަންގެ މައްސަލައެއް ދިމާވެގެން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މި ނިމުނު ހަފްތާގެ ހޯމަދުވަހުވެސް ފޭސްބުކް އަދި އިންސްޓަގްރާމް ހަގަޑިއިރަށް ޑައުންވިއެވެ. އޭގެ ސަބަބުން ފޭސްބުކްގެ ދަށުން 3.5 ބިލިއަން މީހުންނަށް މެސެޖްގެ ޚިދުމަތްދޭ ވަޓްސްއަޕް، އިންސްޓަގްރާމް އަދި މެސެންޖަރގެ ޚިދުމަތް މެދުކެނޑުނެވެ.

އެފަހަރުވެސް ފޭސްބުކުން ބުނެފައިވަނީ، ވިއުގަ ޑައުންވީ ކޮންފިގަރޭޝަންގެ މައްސަލައަކުން ކަމަށެވެ.

ދެވަނަ ފަހަރަށް މިމައްސަލަ ދިމާވެގެން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ އިންސްޓަގްރާމް، މެސެންޖަރ އަދި ވޯރކްޕްލޭސް ހުކުރު ދުވަހު ދެގަޑިއެއްހާ އިރަށް ޑައުންވެގެން ދިޔައެވެ.

މައްސަލަ ދިމާވި ވަގުތު އިންސްޓަގްރާމް ބޭނުން ކުރާ މީހުންގެ ފީޑް ލޯޑްނުވެ ދިޔައެވެ. ބައެއް މީހުންނަށް ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މެސެޖް ނުފޮނުވިދިޔައެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުން ނުކުރެވޭގޮތް ވުމުން މިފަހަރުވެސް ގިނަ ބަޔަކު އެނބުރިގަތީ ޓްވިޓަރއަށެވެ. އަދި މިކަމަށް ޖޯކް ޖަހައި މަލާމާތް ކޮށްފައި ވެއެވެ.

އެކަމަކު، އިންސްޓަގްރާމުންވަނީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މަލާމާތްކޮށް ޖޯކްޖެހި މީހުންނަށްވެސް ޝުކުރު އަދާކޮށްފައި ވެއެވެ.

އެކަމަކު، ހޯމަދުވަހާއި އިއްޔެ ދިމާވި މައްސަލާގައި ފޭސްބުކަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެގެން ގޮސްފައި ވެއެވެ.