ގައުމު ބިނާކުރުމުގައި އަންހެނުން ދޭ އެއްބާރުލުން ގުނާ ޢަދަދު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިފަދައިން ވިދާޅުވީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދުގެ އަނބިކަނބަލުން ޢާއިޝަތު ސުއިޒާ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ޤައުމަކަށް ލިބޭ ޝަރަފަކާއި ފަޚުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ޚާއްޞަގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ވާނެކަން ފާހަގަކުރައްވާފައެވެ.

އަދި ދިވެހި ޤައުމަށް ލިބުނު މި ޝަރަފާއި، ޢާންމު މަޖިލީހުގެ ރައީސްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމުގައި ފާހަގަކުރައްވައި، ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެން ދަރިޔެއްގެ ޙައިޞިއްޔަތުން އެކަމާ އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަށް މަރުޙަބާ ދަންނަވާފައެވެ.

ފަޒްނާ އަޙްމަދު ވިދާޅުވިގޮތުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ކާމިޔާބީ ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ ސުއިޒާ ފަދަ ޚިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހޭ ދަނޑިވަޅެކެވެ.

އަދި، ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަނީ ހަމައެކަނި އޮފީސް މާޙައުލުގައި ނޫންކަމަށާއި، ދިރިއުޅުމުގެ ވަކި ހިސާބަކުން ދެމަފިރިންކުރެ އެކަކު ގޭގައި ތިބެން އިޚްތިޔާރުކުރާއިރު ގިނަ ފަހަރު އެކަން ކުރަނީ އަންހެނުންކަމުގައި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެގޮތުން، އަންހެނުން ޤައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ ޢަދަދު ނުކުރެވޭނެ ކަމަށާއި، ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ގެ އުންމީދީ ރިޔާސަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމަށާއި، ޚާއްޞަކޮށް މުޅި ދުނިޔެ ކޮވިޑްގެ މި ޙާލަތުން އަރައިގަތުމުގައާއި، އަންހެނުންނަށް ދިމާވާ ތަފާތު ކަންކަމަށް އިސްކަންދެއްވައިގެން އަންހެނުން ބާރުވެރިކުރުވުމާއެކު އަންހެނުންގެ ޙައްޤުތައް ރައްކާތެރިވާނެ އުޞޫލަކުން މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމުގައި ވިދާޅުވެ ޝުކުރުއަދާކުރައްވާފައެވެ.