ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާން ނިޔާވި މައްސަލައިގައި، ބަދަލެއްގެ ގޮތުގައި އެކުއްޖާގެ އާއިލާއަށް 4.5 މިލިއަން ރުފިޔާ ދޭން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އެ ކުންފުނިން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ބަނގުލަދޭޝްއަށް ނިސްބަތްވާ ޖީއާން ނިޔާވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެގެންނެވެ.

މި މައްސަލާގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައިއެ 4.5 މިލިއަން ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަަހުގައެވެ.

މި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ހޯދުމަށް ޖިއާންގެ އާއިލާއިން އެދިފައިވަނީ 17.4 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އޭގެތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޖީއާން މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެތަނުގައި އެ ވަގުތު މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ.

އެހެންނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަ އާދަމް ޝަފީގު ފިޔަވާ އެހެން އެންމެންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިމައްސަލާގައި ކުންފުނީގެ އެމްޑީ ސަލާމަތްވިއިރު ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2 ބިދޭސީންނެވެ. ދެން ތިބި ހަތަރުމީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިމައްސަލާގައި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން ވަނީ 115،000ރ. އިން ޖޫރިމަނާ ކޮށްފައެވެ. އަދި ބިދޭސީ ދެމީހުން 7،200ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ދެ ބިދޭސީން ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު އެވަގުތު ބަސްތާ އަރުވަމުންދިޔަ ވިންޗްވީލް އޮޕަރޭޓަރު ރައްޖާވް އަލީ މައްޗަށް ކޮށްފައިވަނީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާއެވެ.

ދައުވާލިބޭ އަނެއް ބިދޭސީ މީހާގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.