ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް އީސާލާ ރޫވަން ވީރަކޫން ރާއްޖެ ވަޑައިގެންފިއެވެ.
މިއީ، ސްރީލަންކާއަށް ނިސްބަތްވާ އީސާލް މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ސާކްގެ މެންބަރު ގައުމުތަކަށް ތައާރަފުވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އީސާލާ ރާއްޖެ ވަޑައިގަތުމުން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަދި ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަލީމްއެވެ.
ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި، އެމްބެސެޑަރ އެޓް ލާޖް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރައްވާފައިވާ އަހްމަދު ސަލީމާއި އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގެ ތެރެއިން، ސާކް އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ކްރިޝާންތީ ވީރަކޫނާއި، ސާކްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއަރޒް ޑިވިޝަން ސެކްރެޓްރިއޭޓް އިސްމާއިލް މަމްދޫހު ބައިވެރިވެ ވަޑައިގަންނަވައެވެ.
ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) އުފައްދާފައިވަނީ 1985 ވަނަ އަހަރުގައެވެ.