ސޮނީ ޓީވީން ދައްކަމުން އައި ރިއަލިޓީ ޝޯ "ސުޕަ ޑާންސާ" ގެ ހަތަރުވަނަ ސީޒަން ފްލޮރީނާ ގޮގޮއީ ކާމިޔާބު ކޮށްފިއެވެ.

އިންޑިއާގެ އާސާމަށް ނިސްބަތްވާ އުމުރުން 7 އަހަރުގެ ފްލޮރީނާއަށް ޓްރޮފީގެ އިތުރުން 15 ލައްކަ ރުޕީސްވެސް ވަނީ ލިބިފައެވެ.

އަދި އޭނާ އާއެކު ނެށި އޭނާގެ ޑާންސް ޓީޗަރު (ގުރޫ) ތުޝާރު ޝެޓީއަށްވެސް ފަސްލައްކަ ރުޕީސްގެ އިނާމެއް ލިބިފައިވެއެވެ.

ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

ފޮލޮރީނާގެ އާދަޔާ ޚިލާފު ވާހަކަ ދެއްކުމުގެ ސްޓައިލާއި ނެށުމުގައި އޭނަ ދައްކަމުން އަންނަ ކުޅަދާންކަމުގެ ސަބަބުން ފްލޮރީނާއަކީ ހުރިހާ ޖަޖުންގެ މެދުގައިވެސް ވަރަށް މަގްބޫލު ކުއްޖެކެވެ.

އޭނަ ނެށުމުގައި ގެންގުޅޭ މޮޅެތި އުކުޅުތަކުގެ ސަބަބުން މުބާރާތް ކުރިއިރު މެހުމާނުންގެ ގޮތުގައި ޝޯވގައި ބައިވެރިވާ މީހުންގެވެސް ތައުރީފް ފްލޮރީނާއަށް އަބަދުވެސް ލިބިފައިވެއެވެ.

މިފަހަރުގެ ސުޕަ ޑާންސަރ ޝޯގައިވެސް ޖަޖުކަންކުރީ ބަތަލާ ޝިލްޕާ ޝެޓީ، ގީތާ ކަޕޫރު އަދި އަނޫރާގް ބާސޫއެވެ.

ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

މި ޝޯ ހޯސްޓް ކޮށްފައިވަނީ ރިތްވިކް ދަންޖާނީ އާ ޕަރިތޯޝް ތްރިޕާޓީއެވެ.

ސުޕަ ޑާންސާގެ ޓައިޓަލް ފްލޮރީނާ ކާމިޔާބު ކުރިއިރު އޭނާއާއެކު ފިނާލޭގައި ވާދަކުރީ އީޝާ މިޝްރާ، ސަންޗިތް ޗަންނާ، ޕްރިތްވިީ އަދި ނީރްޖާއެވެ.

ސޮނީ ޓީވީން ހަފްތާގެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 730 ގައި ދައްކަމުން އައި މި ޝޯގެ ފިނާލޭ ބާއްވާފައިވަނީ ރޭގައެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މިޝޯގެ މިދިޔަ އަހަރުގެ ސީޒަންގެ ޓައިޓަލް ހޯދާފައިވަނީ ކޮލްކަތާއަށް އުފަން އުމުރުން ހައަހަރުގެ ރުޕްސާއެވެ. އޭނާއަކީ އެ ސީޒަނުގައި ބައިވެރިވި އެންމެ ހަގު ނެށުންތެރިޔާވެސް މެއެވެ.

ސީޒަން ދޭއްގެ ޓައިޓަލް ހޯދާފައިވަނީ އިންޑިޔާގެ އާސާމަށް ނިސްބަތްވާ ބިޝާލް ޝަރުމާއެވެ.

މި ޝޯގެ ފުރަތަމަ ޗެޕްޓާގެ ޓައިޓަލް ހޯދާފައިވަނީ ދިތްޔާ ބާންޑޭއެވެ.