ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބާލަން ސަރުކާރަށް ގޮވާލައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ފަށާފައިވާ "އިންޑިއާ އައުޓް" ޕެޓިޝަނުގައި މާލެ ސިޓީގެ އެމްޑީޕީ ކައުންސިލަރަކު ސޮއިކުރެއްވުމުން އެ ޕާޓީން އެކަން ކުއްވެރި ކޮށްފިއެވެ.

މި ޕެޓިޝަނުގައި ސޮއިކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޟަމީރެވެ.

ޕެޓީޝަންގައި އޭނާ ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓާގައި އާންމުވެފައިވާއިރު، ޟަމީރު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާއިން ވަނީ ބަޔާނެއް ނެރެ، އެ ޕެޓިޝަނުގައި ޟަމީރު ސޮއިކުރެއްވުން ކުށްވެރިކޮށްފައެވެ.

އެގޮތުން، ޟަމީރު އެ ޕެޓިޝަނުގައި ސޮއިކުރެއްވުމަކީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަށް ބާރުލިބޭ ގޮތަށް ކުރައްވާފައިވާ އަމަލެއް ކަމުގައި ދެކޭ ކަމަށާއި، އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެން ހުންނަވައި އެ ޕެޓިޝަނުގައި އޭނާ ސޮއިކުރެއްވުމަކީ އެމްޑީޕީގެ އަސާސީ ގަވާޢިދާ ޚިލާފު އަދި ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއްކަމުގައި އެ ދާއިރާގެ އެމްޑީޕީ މެންބަރުން ދެކޭ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒަމާންވީ ހަރުދަނާ ގުޅުމެއް އޮންނައިރު، އެމްޑީޕީގެ ޚާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާ އާއި އޮންނަ ގުޅުން ވަރުގަދަކޮށް ބަދަހިކުރަންޖެހޭ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުކުރަން ރާވައިގެން ހިންގާ އެފަދަ ނޭއްގާނި ހަރަކާތްތަކުގައި ޟަމީރު ބައިވެރިވެވަޑައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސޮއި އަނބުރާ ގެންދެވުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.

ޕެޓިޝަންގައި ސޮއިކުރުމާއި ގުޅޭ ގޮތުން ޟަމީރު މީޑިއާގައި އަދި މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ގައުމުން ބޭލުމަށް އިންޑިޔާގެ ސަރުކާރަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ކާނިވާ ސަރަހައްދުގައި އިދިކޮޅުން ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ.

އިދިކޮޅުން އަންނަނީ މާލެއާއި އަތޮޅުތެރޭގައިވެސް ޕެޓިޝަނަށް ސޮއި ހޯދުމަށް ހަރަކާތްތަކެއް ބާއްވަމުންނެވެ.