ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް، ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށް ލެއްވުމުން ޝުކުރު އަދާކުރައްވައި ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ފާހަގަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

ސްރީލަންކާގެ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުމުން އަވަށްޓެރި ގައުމުތަކަށް ވެސް އޭގެ ފައިދާ ކުރާކަން ފާހަގަ ކުރައްވާފައިވެއެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ވަނީ ރައީސުލްޖުމްހުރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

ސްރީލަންކާގެ ދެކުނުގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަސައްކަތް ނިމުމުން ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ދަތުރުތައް އިތުރުވާނެ ކަންވެސް މިނިސްޓަރ ނަމާލް ފާހަގަ ކުރެއްވިއެވެ.

ދެ ޤައުމުގެ މެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ދެބޭފުޅުން ވަނީ ސާކް ޗެމްޕިއަންޝިޕް 2021 ގައި، މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ ދިވެހިރާއްޖެ އާއި ސްރީލަންކާގެ މެޗާއިމެދު ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ، ދެގައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހާއްސަކޮށް ފުޓްބޯޅަ އަދި ކްރިކެޓް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެެވެ.

އަދި މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު ހަވީރުގެ މެޗް ބައްލަވައި ލެއްވުމަށް ފަހު ނަމާލް އެނބުރި ގައުމަށް މިރޭގެ ވަގުތެއްގައި ފުރާވަޑައިންނަވާނެއެވެ.