ފުލުހުންގެ މަތީ ފަންތީގެ ބައެއް އޮފިސަރުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި މައްސަލަ އެއޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައި، ޝަރީއަތުން ބޭރުން މައްސަލަ ނިންމުމަށް ދައުލަތް ދެކޮޅު ހެދުމުން އެމައްސަލަ ޝަރީއަތަށް ހުށަހަޅައިފިއެވެ.

އެމައްސަލާގައި މިއަދު ކުރިއަށްދިޔަ ޑިސްޕިއުޓް މަރުހަލާގައި، މައްސަލަ ހައްލުކުރުމަށް ފަނޑިޔާރު ތަކުރާރުކޮށް ދައުލަތަށް ފުރުސަތު ފާހަގަ ކުރައްވާ، އެ އެފިސަރުން ތަމްސީލްކުރައްވާ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ، ދައުލަތުން އިތުރު ވަގުތަށް އެދިފައިވާ ކަމަށާއި، ނަމަވެސް އޮފިސަރުންގެ މަސްލަހަތަށް ބަލައި ވަގުތު ދެވެން ނެތް ކަމަށް ގާޒީ ވަނީ ނިންމެވި ކަމަށެވެ.

ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ 7 އޮފިސަރުންގެ ތެރެއިން މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، ސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި، ސުޕްރިޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް މުޙައްމަދު ދާއޫދެވެ.

މި އޮފިސަރުން ތަމްސީލްކުރައްވާ ލޯފަރމް، ދިވެހި ޗޭމްބަރސްއިން ފާއިތުވި ހަފްތާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެއޮފިސަރުން މަގާމުން ވަކިކުރުމަށް ފެންނަކަމަށް ޕޮލިސް ބޯޑުން ނިންމީ އެއިން އެއްވެސް އޮފިސަރަކަށް ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީ ކަމަށެވެ.

އެހެންކަމުން އެ އޮފިސަރުންނަށް ލިބޭ ދުސްތޫރީ އަދި އިޖުރާއީ ހައްގުތައް ގެއްލިފައިވާ ކަމަށް ލޯ ފަރމްއިން ބުނެއެވެ.

ފުލުހުންގެ އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ލަފާދީފައިވާ ގާނޫނާ އެއްގޮތަށްކަން ޔަގީން ކުރުމަށްޓަކައި އެމައްސަލަ ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށްވެސް ވަނީ ހުށަހަޅާފައެވެ.