ބޭންކް އޮފް މޯލްޑިވްސް އިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވާން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބީއެމްއެލްގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްދެމުންދާ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތިބާ ސައިކޮލޮޖީ، ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައި.އެމް.ޑަބްލިއު.ބީ) އާ ގުޅިގެން ގަވައިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިންގ ހިދުމަތް ބީއެމްއެލްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން، ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަންތަކަށް ހޭދަވާ ހަރަދު ބޭންކުން ހަމަޖައްސައިދޭއިރު ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް މިދާއިރާގައި ފާހަގަކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރުއަޅާނެއެވެ.

އަދި މިފަރާތްތަކާ ގުޅިގެން، ދަރިންތަރުބިއްޔަތު ކުރުމާއި، ވޯކް ލައިފް ބެލެންސްގެ އިތުރުން ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ސެޝަންތަކެއްވެސް ބާއްވަން ވަނީ ހަމަޖެހިފައި ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަސޭހައިން ލިބޭނެ ހިދުމަތްތަކާއި ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތްތަކާއެކު ޕާރޓްނާޝިޕް ހެދޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާލާއިރުވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން މިއަންނަނީ ފާހަގަވަމުން. އަދި ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް މިވަނީ ނުހަނު ބޮޑު އަސަރެއްކޮށްފައި. އެހެންކަމުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏަކަށްވުމާއެކު، ބޭންކުން މިކަމަށް އިސްނަގައި މިއަދު މިފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ނުހަނު މުނާސަބުކަމެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން އޮފީސްތަކާއި އިދާރާތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން."
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށް ފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.