ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓުން މިހާތަނަށް 38،085 މީހުންނަށް ފަރުވާދީފައިވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

ރާއްޖޭގައިވެސް ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންގެ އަދަދު އިތުރު ވެފައިވާއިރު ނަފްސާނީ ބަލިތަކަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި"ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓް" (ސީއެމްއެޗް) ގެ ނަމުގައި ޑިޕާޓްމަންޓެއް ހުޅުވާ ޚިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގައެވެ.

އައިޖީއެމްއެޗުން ބުނީ 2019 ވަނަ އަހަރު ހުޅިވި މެންޓަލް ހެލްތު ޑިޕާޓްމަންޓުން އެ އަހަރު އެކަނިވެސް 7246 މީހުންނަށް ޚިދުމަތް ދީފައއިވާ ކަމަށާއި އަދި 2020 ވަނަ އަހަރު 17،708 މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.

އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 13،131 މީހުންނަށް ވަނީ ފަރުވާ ދީފައިވާ ކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ސީއެމްއެޗުން މިހާތަނަށް ޖުމްލަ 38،085 މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ.

ސީއެމްއެޗްގައި މިވަގުތު ހަތަރު ސައިކޭޓްރިސްޓުން މަސައްކަތް ކުރަމުންދާއިރު ތިން ސައިކޮލޮޖިސްޓުންނާ، ދެ ސޯޝަލް ވޯކަރސް، އަދި ދެ ކައުންސެލަރުންގެ އިތުރަށް އޮކިއުޕޭޝަނަލް ތެރަޕިސްޓަކު ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.

މި ދުވަސް ފާހަަގަ ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވުމެވެ.

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލް ޖުމްހޫރިއްރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ.

އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ޚިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.