ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް އިސާލާ ރުވާން ވީރަކޫންގެ އަނބިކަނބަލުން، ކްރިޝްނާތީ ވީރަކޫން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުންނާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަނބަލުން، ވަނީ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ މަޢުލޫމާތު މީހުނަށް ފޯރުކޮށްދީ، އެފަދަ ކަންކަމުން އަރައިގަތުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމާގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި ނަފްސާނީ ކަންކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ސަޕޯޓް ގްރޫޕްގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއިރު ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނާއި، ސަރުކާރުން ކޮވިޑްގެ ޕެންޑެމިކް ތެރޭގައިވެސް ތަޢުލީމީ ދާއިރާ ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ދެ ކަނބަލުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފިހުން ބުނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަނބަލުން، ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު އެދެބޭކަނބަލުންނަށް ދިމާވެފައިވާ ބައެއްކަންކަން ހިއްސާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ކްރިޝްނާތީ ވީރަކޫން ވަނީ ދިވެހިރާއްޖެއިން ކުރު މުއްދަތެއްގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބަދަލުކުރިގޮތް އޮޅުން ފިލުއްވާފައެވެ.

އަދި މެޑަމް ފަޒްނާ ވަނީ މި ބަދަލު ގެނައުމަށް ސަރުކާރުން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކާއި، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ކުރެއްވި މަސައްކަތްތަކާއި ފުރަބަންދުގެ ދުވަސްވަރު އެންމެ ބޮޑަށް އުނދަގޫ ވެފައިވަނީ ކުޑަކުދިންނަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރަށް ރައީސްގެ އަނބިކަނބަލުންނާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އަނބިކަނބަލުން، ވަނީ ޑްރަގް ރިހެބިލިޓޭޝަން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ޑޮކްޓަރުންނާއި، ސައިކޭޓްރިސްޓުން މަދުވުމުންކުރިމަތިވާ ގޮންޖެހުންތަކާއި، ކުޑަކުދިންގެ ހިޔާފަދަ ކުޑަކުދިން ބަލަހައްޓާ ތަންތަނުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ކޮވިޑް-19 ގެ ޤައުމީ ކެމްޕެއިން ކަމުގައިވާ "ދިފާއު" ކެމްޕެއިންނާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކްރިޝްނާތީ ވީރަކޫން ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވަނީ ރައީސްގެ އަނބިކަނބަލުން މުޖުތަމައުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅާއި، އަމިއްލަގޮތުން އެކިކަންކަމުގައި ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެކަމަށް ތައުރީފުކުރައްވާފައެވެ.

އަދި އެކަމަނާ ވަނީ ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތް މުޅިން ކުރިއެކޭ އެއްގޮތަށް ބަދަލުވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ބޭކަނބަލުން ވަނީ އުފާވެރި ފާގަތި މުސްތަގްބަލެއް ލިބުމަށް އެދިވަޑައިގެން ކައިރި މުސްތަގްބަލެއްގައި އަލުން ބައްދަލުވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.