އައްޑޫ ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހު އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައިި ބޭއްވި ބައްދަލު ކުރެއްވުމުގައި އެ ދަރިވަރުން ބުނިގޮތުގައި، އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަ ކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ކަމަށާއި، ރީފަންޑް ނުލިބުމާއި އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވަމުންދާ ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް އެކުދިންވަނީ ރައީސްއާ ހިއްސާ ކޮށްފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި، މި ޖޮއިންޓް ވެންޗަރ ކުންފުނީގެދަށުން ރާއްޖޭގައި ހިންގާ ފްލައިންގ ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައެވެ.

މި ފްލައިން ސްކޫލްގައި ކިޔަވއިދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށް ދާނެކަމުގައި ރައީސް ހާމަކުރައްވާފައި ވެއެވެ.

މީގެ އިތުރުންވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯންތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ޙައްލުކޮށް ދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެކުރިންވެސް ސަރުކާރުން ވަނީ ކޯސްހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅާފައެވެ.

މިކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ސަރުކާރުންވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.