ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅުނު ތިންވަނަ މެޗުގައި ލަންކާގެ މައްޗަށް ކުރިހޯދާ، މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

މިމެޗުގެ ކުރިން ރާއްޖެއިން ދެމެޗު ކުޅެ ތިންޕޮއިންޓު ހޯދާފައިވާއިރު މި މޮޅާއެކު ލިބުން ޖުމްލަ 6 ޕޮއިންޓާއެކު ރާއްޖެ ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލާއި، ޕޮއިންޓުގެ ގޮތުން އަދި ގޯލް ޑިފަރެންސް އިން ވަގުތީ ގޮތުން އެއްވަރުވެފައެވެ. އެއީ ނޭޕާލަށްވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗު ރާއްޖެއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިިގެން ރާއްޖެއިން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔައިރު މެޗުގައި ރާއްޖެ މޮޅުވި ލަނޑަކީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި މިލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގް ދަގަނޑޭ އެވެ. މިއީ ހައިޝަމް ހަސަން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ދަގަނޑޭ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މިފަހަރުގެ މުބާރާތުގައި ދަގަނޑޭ ޖެހި ދެވަނަ ލަނޑެވެ.

ލަނޑުޖަހާ ލީޑުނެގިތާ ދެމިނެޓުފަހުންވެސް ރާއްޖެ ޓީމުން ވަނީ ލަންކާގެ ގީކަށް ނުރައްކާ ކޮށްފައެވެ. ދަގަނޑޭގެ ތްރޫ ޕާހަކުން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ހުސް ފުރުސަތެއް ތަނަވަސްވި ނަމަވެސް އޭނާއަށް ތަންކޮޅެއް މަޑުން ބޯޅަ ފޮނުވާލެވުމުން ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ފަސޭހަކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ.

ހާފުގެ 13 ވަނަ މިނެޓުގައިވެސް ރާއްޖެއިން ވަނީ ވަރަށް ނުަރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެެއިން ލަންކާގެ ދެކުޅުންތެރިން ކައިރިން ނަށްޓާލުމަށްފަހު އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ރާއްޖެއިން މެޗުގައި ވަރަށް ބޮޑަށް އެޓޭކު ކުރުމަށް ވިސްނައިގެން ކުޅުނުއިރު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރުމަށް ފުރަތަމަ ހާފުގެ ތެރޭގައި މަސައްކަތް ކޮށްފައިވެއެވެ.

އެހެންނަމަވެސް މިހާފުގެ 28 ވަނަ މިނެޓުގައި ރާއްޖޭގެ އެއް ނަމްބަރު ކީޕަރު މުހައްމަދު ފައިސަލް ވަނީ ލިބުނު އަނިޔާ އަކާއި ގުޅިގެން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ބޮޑު ޒިންމާ އާއި ދެން ހަވާލުވީ މުހައްމަދު ޝަފީއު (ޗެކް) އެވެ.

ހާފުގެ ފަހު 15 ވަރަކަށް މިނެޓުގެ ތެރޭގައި ލަންކާ ޓީމުން ތަންކޮޅެއް ރަނގަޅަށް މެޗުގެ ތެރެއަށް ވަދެ ކޮންމެވެސް ވަރަކަށް ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރިނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް ރާއްޖޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށި ރާއްޖެއިން ވަނީ ހާފުގެ ފުރަތަމަ 4 މިނެޓުގެ ތެރޭގައިވެސް ލަންކާ ގޯލަށް ވަރަށް ނުރައްކާތެރި ދެހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް ގޯލުގެ ތިން ދަނޑިން އެތެރެ ކޮށްލެވިފައެއް ނުވެއެވެ.

މިހާފުގެ ފަހު 15 މިނެޓުގެ ތެރޭގައި ލަންކާއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ގާތް ގާތުގައި ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން 10 ވަރަކަށް މިނެޓުގެ ތެރޭގައި ލަންކާގެ ފޯވާޑް ލައިނުން ވަނީ އޭރިއާ ތެރެއިން ތިން ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރާއްޖެ ޓީމުގެ ފަހަތަށް ޕްރެޝަރ ބޮޑުވެ ލަންކާ ޓީމަށް ފުރުސަތުތަކެއް ތަނަވަސްވި ނަމަވެސް ރާއްޖެ ޓީމުގެ ޑިފެންސް ލައިނުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް ސެންޓަރ ބެކް ސަމޫހް އަލީ (ސަމުއްޓެ) އާއި އަރިމަތިން ކުޅުނު ހައިޝަމް ވަނީ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުން މޮޅުވެ ރާއްޖެއިން ތިން ޕޮއިންޓު ހޯދިއިރު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ރާއްޖެ ޕޮއިންޓު ތާވަލުގެ ދެވަނައިގައި އޮތްއިރު ތިންވަނައިގައި ބަންގްލަދޭޝް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގައި އިންޑިއާ އޮތީ ދެމެޗުން ދެ ޕޮއިންޓާއެކުއެވެ. ފުލުގައި 4 މެޗުން އެންމެ ޕޮއިންޓަކާއެކު އޮތީ ސްރީ ލަންކާއެވެ.

މުބާރާތުގައި މިރޭ 21:00 ގައި ކުޅޭނީ އިންޑިއާ އާއި ނޭޕާލް އެވެ.