ވިލާ ކޮލެޖުން އެ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާހްކޮށްފިއެވެ.

މި އެސޯސިއޭޝަން އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

މި އެސޯސިއޭޝަން އިފްތިތާހްކޮށްދެއްވާފައި ވަނީ މިއަދު ހަވީރު އެ ކޮލެޖުގެ ފަރާތުން އިންތިޒާމުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ހަފްލާގައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މެޑަމް ފަޒްނާ ވަނީ ނަފްސާނީ ހިދުމަތްދެއްވާ ފަރާތްތަކުން އެ ހިދުމަތްދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، އޭގެ ސްޓޭންޑަރޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މެޑަމް ފަޒްނާ ވަނީ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016– 2021 ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ގާއިމުކުރެއްވުމަށް ގޮވާލައްވާފައެވެ.

އަދި ކޯޑް އޮފް އެތިކްސް ގާއިމުވެ އެއަށް އަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސްގެ އަނބިކަނބަލުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މެޑެމް ފަޒްނާ ވަނީ ރާއްޖޭގައިވެސް ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވާ އެކަމަށް ހައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އަދި ހުރިހާ ފަރާތްތަކުންވެސް އިހްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް ބާރުއަޅުއްވާ ފަޒްނާ ވަނީ އެކަމުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މިސާލަކަށް ދުވާއިރު ފައި އެކަންޏެއް ނޫން ދެއްތޯ ހަރަކާތް ކުރަނީ. ދުވަންޔާ ފަޔާއި، އަތާއި ދެން ހުރިހާ އެއްޗެއް ވެސް ކޯޑިނޭޓް ވާންޖެހޭ. ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާނަމަ އެންމެން އެބަ ކޯޑިނޭޓް ވާންޖެހޭ. އައިސީޔޫގައި ހުންނަ ނަރުހަށް ވެސް އިނގެންޖެހޭނެ ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރާ މީހަކު ވަނީމަ އޭނައަށް ވާހަކަދައްކަންވީ ކިހިނެތްކަން"
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު

މީގެ އިތުރަށް ރައީސްގެ އަނބިކަނބަލުން ވަނީ ކޮލެޖުގެ ސްޓްރޭޓިޖިކް ޕްރަޔަރަޓީއަކަށް ނަފްސާނީ ދުޅަހެޔޮކަންވެ ކޮލެޖުގެ މުސްތަގްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ލީޑިންގ ކޮލެޖަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ވިލާ ކޮލެޖުން ބުނީ މިވަގުތު ޖުމްލަ 190 އަށްވުރެ ގިނަ ދަރިވަރުން ސައިކޮލޮޖީގެ ދާއިރާއިން ފައުންޑޭޝަން އަދި ޑިގްރީ ޕްރޮގްރާމްތައް ފުރިހަމަ ކުރަމުންދާ ކަމަށާއި މިއީ އެ ދަރިވަރުންނަށް އެދާއިރާއިން އިތުރު ތަޖުރިބާތަކެއް ހޯދުމަށްޓަކައި ލިބިގެންދާނެ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން މިހަފްލާގައި ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ.އަހްމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކައަށް ކުރިއާއި ޚިލާފަށް މިހާރު އިތުރު އަހަންމިއްޔަތުކަމެއް ދޭ ކަމަށާއި، އެއާއެކު ވިލާ ކޮލެޖުގެ އަބަދުވެސް އަމާޒަކީ މިފަދަ ދާއިރާތަކަށް އިތުރު ކުރިއެރުން ގެނެވޭނެ ފަދަ މަސައްކަތްތައް އިތުރު ކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ސައިކޮލޮޖީ ޕްރޮގްރާމްގެ ކޯޑިނޭޓަރ، އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ލެކްޗަރަ، ޑރ. އައިޝަތު ނަޝީދާ ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންގެ ފަރާތުން މިފަދަ އެސޯސިއޭޝަނެއް ގާއިމްކުރުމަށްޓަކައި ލިބުނު އެއްބާރުލުމާއި މަސައްކަތް ފާހަގަ ކުރެއްވިއެވެ.

އަދި ކޮލެޖުގެ ފަރާތުން ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސައިކޮލޮޖީ އެސޯސިއޭޝަން އޮފް ވިލާ ކޮލެޖުގެ އެންމެ ފުރަތަމަ ހިންގާ ކޮމިޓީއަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ މަގާމު ހަވާލުކުރުމާއި އެކަމުގެ ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތަށް ފަހު، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިލާ ކޮލެޖުގެ ސައިކޮލޮޖީ ކިޔަވާ ދަރިވަރުންނާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ބައްލަވާލައްވާފައެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަގްސަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމަޢުގެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.