ފުރަބަންދުން އެނގުނު އެންމެ މުހިންމުކަމަކީ ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ކޮމްޕިއުޓަރައިޒް ކޮށް ހަރުދަނާ ކުރަން ޖެހޭކަން ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ އެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގެ 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިފްތިތާހް ކުރުމަށް ފުވައްމުލަކުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ފުރަބަންދުން އެނގި ތަޖުރިބާ ކުރެވުނު އެންމެ މުހިންމު ކަމަކީ ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ކޮމްޕިއުޓަރައިޒްކޮށް ހަރުދަނާ ކުރަންޖެހޭ ކަން ކަމަށާއި އެއީ ފުރަބަންދުގެ ހާލަތައް ދިއުމާއެކު އޮޑިޓްގެ މަސައްކަތްވެސް ގާތްގަނޑަކަށް ހުއްޓިގެން ގޮސްފައިވަނީ އިދާރާތަކުގައި އޮޑިޓްގެ މަސައްކަތަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ސްކޭން ކުރެވިފައި ނުވަތަ އިލެކްޓޯނިކް ވަސީލަތްތަކުގައި ރައްކާކުރެވިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ގާއިމްވެ، އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ވެދެވުނު އެހީތެރިކަމުގެ ސަބަބުން މި ސަރަހައްދުގެ އިދާރާތަކުން އޮޑިޓް ކުރުމުގައި ކުރިން ފެންނަމުން ދިޔަ ވަރަށްގިނަ މައްސަލަތައް މަދުވެއްޖެ."
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ

އަދި މި ޖަލްސާގައި ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވީ މަޖިލީހުގެ އެއްބާރުލުން ނުލައި ދައުލަތުގެ ކުންފުނިތަކާއި އިދާރާތައް ޒިންމާދާރު ނުކުރެވޭނެ ކަމަށާއި އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާކޮށް މިހާރު އޮޑިޓަރ ޖެނެރަލްގެ މިސްރާބަކަށް ވާންވާނީ ޕާފޯމެންސް އޮޑިޓްތައް އިތުރަށް ފުޅާކުރުން ކަމުގައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ގާއިމް ކުރެވުނީ 2015 ވަނަ އަހަރުގައެވެ.

އަދި އެ އޮފީހުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ. ގދ. ޏ އަދި އައްޑޫ ސިޓީގެ 151 އިދާރާގެ އޮޑިޓް މަސައްކަތް ކުރާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.