ނޭކުރެންދޫގައި ހަދާ ޖަލުގެ ކޮންސެޕްގެ މަސައްކަތް ކުރުމަށް ސިއާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މެމްބަރުގެ ސުވާލުގައިވަނީ 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ނޭކުރެންދޫގައި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހެދުމަށް ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯއާއި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ޚަރަދު ކުރުމަށް ބަޖެޓް ކުރާއިރު އެ ފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް ހޯދުމަށެވެ.

ސަރުކާރުން ނޭކުރެންދޫގައި ހެދުމަށް ނިންމާފައިވާ ޖަލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޖަލުގެ ކޮންސެޕް ހެދުމަށް ސިއާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސަައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

އަދި ޖަލުގެ ބައުންޑްރީ ވޯލް މިއަހަރުގެ ބަޖެޓަށް ކަނޑައެޅި މިންވަރުން އެއަށް ބަލައިގެން ޚަރަދުކުރެވެން ހުރި މިންވަރު ބަލައި ބައުންޑްރީ ވޯލް ހެދުމުގެ މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން ޓެންޑާކޮށް މިހާރު އެ މަސައްކަތުގެ ބިޑް ސަބްމިޓަށް ތިން ފަރާތަކުން ވަނީ ކުރިމަތިލާފައި ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން ހާސިލްކުރުމަށްޓަކައި ފެށުނީއްސުރެ ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި އެގޮތުން ހދ. ނޭކުރެންދޫގައި އިންޑަސްޓްރީއަލް ޕްރިޒަނެއް އެޅުމުގެ މަސައްކަތް ސަރުކާރު ފެށުމާއެކު ފެށިގެންދިޔަ ކަމަށެވެ.

ނަމަވެސް 2019 ވަނަ އަހަރު ފެށިގެން އައިއިރު އޭރުގެ އަހަރުގެ ބަޖެޓް ނިމިފައިވާތީ ބަޖެޓުގައި އެއްވެސް އަދަދެއްގެ ފައިސާއެއް އެ މަސައްކަތަށް ޚާއްސަކުރެވިފައިނުވާ ކަމަށާއި އެހެންނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި އޭގެ ކުރީގަ އެ ރަށުގައި ޖަލެއް އެޅުމަށްޓަކައި ކުރެވިފައިވާ މުއާމަލާތްތައް ބަލައި އެކަމަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ބަލައި ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުންނާއި އެކު ނޭކުރެންދޫއަށް ޒިޔާރަތްކުރެވުނު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި އެ ޒިޔާރަތުގައި އެ ސަރަހައްދަށް ގެންނަން ޖެހޭ ބަދަލުތައް ބަލާ އެތަނަށް އިތުރަށް ގެންނަން ޖެހޭ ބަދަލެއް އޮންނަމަ އެ ބަދަލެއް ގެނައުމަށް ނޭކުރެންދޫ ކައުންސިލާ ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާއިއެކު ފެށިގެންދިޔަ. އާދެ 2019 ވަނަ އަހަރު ނިމިގެންދިޔައިރު 2020 ވަނަ އަހަރަށް އެ މަޝްރޫޢަށް ބަޖެޓްކުރުމުގެ މަޝްވަރާކުރެވި 17.4 މިލިއަން ރުފިޔާގެ ބަޖެޓެއް 2020 ވަނަ އަހަރަށް ކުރެވިފައޮތް. 2020 ވަނަ އަހަރު އެ މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް ކޮވިޑް-19އާ ގުޅިގެން އެ ދުވަސްވަރު ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކުގަ ހުރި ބަޖެޓް ފިނޭންސުން އެއްލައްކަ ފަންސާސްހާސް ރުފިޔާއަށް މަދުކުރުމަށްފަހު ބާކީބައި އެއްކޮށް ކަނޑާލެވުނު. އެހެންނަމަވެސް އެ މަސައްކަތް ކުރުމަށްޓަކައި ހަދަންޖެހޭ އެރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އަދި އީއައިއޭ ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފެށިން."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

އަދި އެ ސަރަހައްދަށް އަރާ ރުށްގަހުގެ އަދަދު ބަލާ އެއަށް ބަދަލު ދިނުމުގެ މަސައްކަތްވެސް 2020 ވަނަ އަހަރު ފައިސާނެތިވެސް އެ މަސައްކަތް ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2020 ވަނަ އަހަރު ނިމުނުއިރު އެ ސަރަހައްދު ފައިނަލް ކުރެވި އަލަށް ޕްލޭނަށް ގެނެވުނު ބަދަލާއެކުގަ ރުށްގަހަށް ބަދަލުގެ ގޮތުގައި ތިންލައްކަ އެކާވީސްހާސް ރުފިޔާ އަރާކަމަށް ފާހަގަކުރެވުން ކަމަށާއި 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރުށްގަހަށް ބަދަލުދިނުމުގެ މަސައްކަތް ކުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އީއައިއޭގެ މަސައްކަތް ކުރުމުގަ ދަތިތަކެއް ދިމާވިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރުގެ އެޕްރީލް މަހުގެ އެކާވީސް ވަނަ ދުވަހު އެ މަސައްކަތްވެސް އޮތީ ކޮށްނިންމާފައި ކަމަށެވެ.

އަދި އޭގެ ފަހުން ޖަލުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެ ރަށުގެ ބަނދަރުން ޖަލާ ހަމައަށް އޮންނަ ބޮޑު މަގު ފާހަގަކޮށް އެތަން ސާފުކުރުމަށްޓަކައި މުއާމަލާތްތަކެއް ކައުންސިލާއެކު ކުރެވުނު. އާދެ އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އެ މަސައްކަތް އަސްލު ކުރައްވަން ޖެހޭނީ ކައުންސިލްގެ ފަރާތުން ކަމަށް. އެއީ ޖަލާ ސީދާ ގުޅިފައިވާ މަސައްކަތަކަށް ނުވާތީވެ ކައުންސިލުން އެ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރެވި ކައުންސިލާއެކުގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އެކަމާ ތަފާތު މުއާމަލާތްތައް ކުރެވުނު. އެގޮތުން ތިން ސިޓީއެއް ބަދަލުކުރެވުނު. އެހެންނަމަވެސް ކައުންސިލްގެ އާގިއުމަންޓްވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު. ކައުންސިލްގެ ބަޖެޓުގައި އެފަދަ މަސައްކަތެއް ކުރުމަށް އެ ބޭފުޅުންނަށް ބަޖެޓް ކުރެވިފައިނުވާތީވެ ކައުންސިލުން އެދިވަޑައިގަތީ ޖަލުގެ ބަޖެޓުގެ ތެރެއިން އެ މަސައްކަތް ކުރުމަށް."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

އަދި ބަޖެޓް ތަންދޭ މިންވަރަކުން އެ މަސައްކަތް ދާނީ ކުރިއަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނޭކުރެންދޫގައި ހަދާ ޖަލާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ދެ ފަހަރެއްގެ މަތިން މިނިސްޓަރ މަޖިލީހަށް ހާޒިކޮށްފައިވެއެވެ.

ސަރުކާރުން ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލަކީ މުޅި ޕްރިޒަން ރިފޯމް ކުރުމުގެ އެޖެންޑާގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަން ނިންމާފައިވާ ބޮޑު މަޝްރޫޢެއް ކަމަށްވުމުން މިއަހަރުގެ ދައުލަތުގެ ޕްރޮޖެކްޓްތައް ޕްރައިވަޓައިޒް ކުރުމުގެ މަޝްވަރާގެ ތެރޭގައި ނޭކުރަންދޫގެ ޖަލުގެ މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ ދެއްކުމުން ރައީސް އޮފީހުންވެސް ވަނީ މިމަސައްކަތަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް މިނިސްޓަރ މިއަދުވެސް ވަނީ ވިދާޅުވެފައެވެ.