ޖިންސީ ގުނަވަން މަޖިލީހުގެ އެއްވެސް ފިރިހެނަކަށް ފެނިފައި ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
މަޖީހުގެ މިއަދު ޖަލްސާގައި ވަހަކަ ދަައްކަވަމުން ނާޒިލް ވިދާޅުވީ މިދިޔަ ހަފްތާ ނިމުނުއިރު އޭނާއައީ ގުޅޭގޮތުން އެކި ވަހަކަ އެކި ގޮތްގޮތަށް ދެކެވުނު ކަމަށާއި އެއިން އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް ކަމަށެވެ.
ނާޒިލް ފުރަތަމަ ދޮގު ކުރެއްވި ކަމަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ދެކެވޭ ވާހަކައެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ ޖެހިގެން އައިދުވަހު ހެނދުނު އޭނާގެ އަވައްޓެރި ގެއެއްގަ ރޯކޮށްލި ވާހަކައަކީވެސް "ފަލަ ސުރުހީ"އެއް ކަމަށާއި، އޭނާއަކީ ދުވަހަކުވެސް މީހެއްގެ މުދަލަށް ގެއްލުންދީ މީހުން މެރުމަށް ގޭންގް ހަދައިގެން އުޅޭ މީހެއް ނޫން ކަމަށެވެ.
މަޖިލިސް ތެރޭގައި ހިނގި ޒުވާބެއްގައި ނާޒިލް މެމްބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ރިޕޯޓް ކޮށްފަވާއިރު އެކަން އަސްލަމް ދޮގެއް ނުކުރައްވައެވެ.
އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ އެ މައްސަލަ ސުލޫކު ކޮމިޓީއަށް ހުށަހަޅައިފައެވެ.
މެމްބަރު ނާޒިލް ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް، ވޯޓް ފޮއްޓެއް ކައިރީ ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށް އޭރު އަޑުފެތުރިފައިވެއެވެ.