ވެކްސިންގެ ދެޑޯޒް ޖަހާފައިވާނަމަ ކަރަންޓީނުވާން ނުޖެހޭގޮތަށް ދުނިޔޭގެ ބޮޑެތި އިތުރު ގައުމުތަކަށް ސިންގަޕޫރު ހުޅުވާލައިފިއެވެ.

ސިންގަޕޫރަކީ ބައިނަލްއަގްވާމީ އޭވިއޭޝަންގެ މައި ހަބަކަށްވާތީ، އެގައުމުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑާއެކު، އައު އާންމު ހާލަތެއްގައި ދިރިއުޅުން ބައްޓަން ކުރުމަށެވެ.

އެގޮތުން، މި އޮކްޓޫބަރުމަހުގެ 19 ވަނަ ދުވަހުން ފެށިގެން، ދުނިޔޭގެ ބޮޑު 8 ގައުމެއްގެ މީހުންނަށް، ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަރަންޓީނުވުމަކާ ނުލައި ސިންގަޕޫރަށް އެތެރެވުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ.

ކަރަންޓީނުވާން ނުޖެހޭގޮތަށް މީހުން އައުމަށް އަލަށް ހުޅުވާލި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ސްޕެއިން ހިމެނެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ސިންގަޕޫރު ހުޅުވާލުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެގޮތުން، ފުރަތަމަ ފުރުސަތު ހުޅުވާލީ ޖަރުމަނުވިލާތަށާއި ބުރޫނާއީއަށެވެ.

މިލިސްޓަށް އަންނަ މަހުން ފެށިގެން ދެކުނު ކޮރެއާ އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ސިންގަޕޫރު ސަރުކާރުން ބުނެފައިވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވީ ނަމަވެސް އެ ގައުމުތަކުން އަންނަ މީހުން ސިންގަޕޫރަށް އެތެރެވުމުގެ ފުރުސަތު ދޭނީ ކޮވިޑަށް ޓެސްޓްކުރުމަށްފަހު ފާސްވެއްޖެނަމަ ކަމަށެވެ.

ސިންގަޕޫރަކީ ދުނިޔޭގެ އެންމެބޮޑު ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ހަބްގެ އިތުރުން، އެންމެބޮޑު އެއް މާލީ ހަބްވެސް މެއެވެ.

ސިންގަޕޫރަކީ، ދުނިޔޭގެ ބޮޑެތި އެތައްހާސް ކުންފުންޏެއްގެ އޭޝިޔާ ހެޑްކުއާޓަރު ހުންނަ ގައުމުވެސް މެއެވެ.

އާބާދީގައި 5.45 މިލިއަން މީހުން ހިމެނޭ ސިންގަޕޫރުން ވޭތުވެދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކު ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވަމުން ގޮސްފައި ވެއެވެ. އެއީ، ދުވާލެއްގެ މައްޗަށް 3،000 މީހުންނެވެ.

އެހެން ނަމަވެސް، އަލަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ އަދި ބަލީގައިވެސް މާބޮޑުވަރު ނުވާ މީހުން ކަމަށް ސިންގަޕޫރުން ބުނެއެވެ.

ސިންގަޕޫރުން މިހާރުވަނީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 83 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޑް ޖަހާފައެވެ.