ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ލިބިއްޖެއެވެ.

މި ޚަބަރުތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ އާންމުވަމުންނެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައި މިގަންނަވަނީ ފާއިތުވީ 4 މަސް ދުވަހު ބޭސްފަރުވާ ހޯއްދެވުމަށް ޖަރުމަނުގައާއި، އިނގިރޭސި ވިލާތުގައި އުޅުއްވުމަށްފަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އިނގިރޭސިވިލާތުން އެމަނިކުފާނު ދުބާއީއަށް ވަޑައިގަތީ އެ ގައުމުގައި އޮތް އެކްސްޕޯއަކަށެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަޙަމްތަކެއް ލިބިވަޑައިގަތުމާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވީ ޖަރުމަނުވިލާތުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ގިނަ ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ އެމަނިކުފާނުގެ ގިނަ ސާޖަރީތަކެއް ކޮށްފައެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ވަނީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ފަދަ އެތައް ޒަހަމެއް ލިބިވަޑައިގެންފައެވެ.

ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިގަނޑަށް ވަދެފަވާއިރު ބައެއް ރޭޒާ ފުއްތައް ވަނީ އެމަނިކުފާނުގެ ހަށިގަނޑުގެ ބައެއް ތަންތަނުން ފޫ އަޅާފައި ނިކުމެފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ހާއްސަ މަންދޫބެއްވެސް ކަނޑައެޅުއްވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުގެ ކަންކަން ބަލައި ފާރަވެރިވުމަށް ނިންމައި، "މެއި 6"ގެ ނަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ކޮމިޓީއެއް އުފައްދައި އެ ކޮމެޓީންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ކުރިއަށްގެންދިޔަ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީގެ ރިޕޯޓު މަޖިލީހުން ވަނީ ޖުލައި މަހުގެ އެގާރަ ވަނަ ދުވަހު ރައީސް ނަޝީދަށް އަރުވާފައެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، 21 އަހަރުގެ މުޖާޒް އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ 32 އަހަރުގެ ތަހުމީން އަހުމަދުއެވެ. ދެވަނައަށް ހައްޔަރުކުރީ މި ހަމަލާގެ ޕްރައިމް ސަސްޕެކްޓު ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދެވެ. އަދުހަމްއަކީ ބޮން ގޮއްވާލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދިވެސް މިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވި އިތުރު މީހަކު ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.