ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ މިދިޔަ މަހުގެ އެކާވީސްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ.

މި ގާނޫނުގައި ހަކަތައިގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، އާންމު ބޭނުންތަކެއްގެ ޚިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ޚިދުމަތްހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

އަދި މިގާނޫނަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ހިއްސާ ކުޑަ، އަދި ޚަރަދުކުޑަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ހަކަތައިގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ.

އަދި ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުންވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ކާބަން ނެޓް ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން އަދި ހަކަތައިގެ ވަސީލަތްތަކާއި ޚިދުމަތްތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ހަކަތައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޚިދުމަތްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުންވެސް މި ގާނޫގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ގާނޫނު އުވޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން ބާރަ މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިޢުކުރަންވާނެކަމުގައިވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.