މިދިޔަ ސެޕްޓެމްބަރ މަހު މިރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 އިންސައްތަ އިތުރު އަދަދެކެވެ.

އަދި، ސެޕްޓެމްބަރ 2021 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 8.6 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި ސެޕްޓެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ސެޕްޓެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުުންއެވެ.

މިގޮތުން، 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމްލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީގެއިތުރުން، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސްވަނީ ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައިކަމަށް މިރާއިން ބުނެއެވެ. މިއީވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމުގައި މީރާއިން ފާހަގަކުރެއެވެ.

ސެޕްޓެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ.

އެއީ 6.37 އިންސައްތަ ނުވަތަ 745.00 މިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 27.9 އިންސައްތަ ނުވަތަ 553.11 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ، ގްރީންޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ ލިބިފައިވައިވާ ކަމަށް މިރާއިން ބުންޏެވެ.

ސެޕްޓެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.