ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއް ކަމަށް ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވާހަކަ ދައްކަވަމުން ޒުރަބް ވަނީ ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދެއްވާ ސަމާލުކަން ހާމަކުރައްވާ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއްގެ ގޮތުގައި ވިދާޅުވެފައެވެ.

ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އޭނާ ވަނީ ޔޫއެންޑަބްލިއުޓީއޯގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޒިޔާރަތުގައި، ދެ ބޭފުޅުން ވަނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި މުސްތަގްބަލުގައި ކުރެވެންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

އަދި ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިނާއި އެކަމުގައި ރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތަށް އެ މަނިކުފާނު ތަޢުރީފު ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.