މާލޭ ސިޓީގެ 16 މަގެއް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށެވެ.

މި އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުސާ އަލިމަނިކު ވަނީ އެކުންފުނީގެ މަސައްކަތްތަކަށް އިތުބާރުކޮށް، މިފަދަ ބޮޑު މަޝްރޫޢެއް އެކުންފުންޏާ ގުޅިގެން ހިންގުމަށް ކައުންސިލުން ނިންމެވީތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި ކައުންސިލުގެ އެދުމާއެއްގޮތަށް މި މަޝްރޫޢު ވީ އެންމެ ފުރިހަމަކޮށް ނިންމުމަަށްޓަކާއި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫއުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

އަދި އެންމެ ބޮޑު ބަދަލެއްގެގޮތުގައި މަޝްރޫޢުގެ ތެރެއިން މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއުއްޒު ވިދާޅުވީ، ކުރީގެ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ މި މަޝްރޫއަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާކަމެއްކަމުން ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާ ގޮތުން ސެގްމަންޓްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ވަރަށް ގިނަ ދުވަސް ހޭދަވާކަމަށާއި، ނަމަވެސް އެއްބަސްވުމަށް ގެނެވުނު ބަދަލާއެކު މާލޭގެ 105 މަގެއް 2 އަހަރު ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރަށް އެއްކޮށް ތަރައްޤީކުރެވިގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.