މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީގެ) "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާހް ކޮށްފިއެވެ.

މި ކެމްޕޭން އިފްތިތާހް ކޮށްފައިވަނީ މިއަހަރުގެ ދުނިޔޭގެ ކަސްޓަމަރ ސަރވިސް ހަފުތާއާއި ގުޅުވައިގެންނެވެ.

އެމްޓީސީސީން ބުނީ މިކެމްޕެއިން ފެށީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 4 އިން 8އަށް ފާހަގަކުރި "ދުނިޔޭގެ ކަސްޓަމަރ ސަރވިސް" ހަފުތާއާއި ގުޅުވައިގެން ކަމަށެވެ.

އެމް.ޓީ.ސީ.ސީން ބުނީ، މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ކުންފުނިން ހިދުމަތް ލިިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއަންސް މިހާރަށް ވުރެ ރަނގަޅު ކުރުންކަމަށެވެ.

ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ، އެކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" ކެމްޕެއިންގެ ސަބަބުން އެމް.ޓީ.ސީ.ސީއާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރުބޮޑުވެގެން ދިއުންކަމަށެވެ.

މި ކެމްޕޭން ރަސްމީކޮށް އިފްތިތާހްކޮށް ދެއްވާފައި ވަނީ އެމް.ޓީ.ސީ.ސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާ ގޮތުން ހިދުމަތް ދެމުންދާ ކުންފުންޏެއްކަމަށާއި ކަސްޓަމަރުން ހިތްހަމަ ޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުއައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

ފޮޓޯ: އެމްޓީސީސީ

މިކެމްޕެއިން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި، ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިންގެ ތެރެއިން މިމަހުގެ 10 އިން 28 އާއި ހަމައަށް ބަހާލައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އެތައް ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.