ވެކްސިން ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭން އެހެން ގައުމުތަކަށް ދެއްކީ ނަމޫނާއެއްކަމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް އެސަލަ ރުވަން ވީރަކޫން ވިދާޅުވެއްޖެއެވެ.

އެސަލަ ރުވަން މިފަދައިން ވިދާޅުވީ، އޭނަ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލު ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ (ސާކް)ގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެސަލަ ރުވަން ވީރަކޫން، އިންތިހާބު ވުމާއި ގުޅިގެން އެކަމަށްޓަކައި މަރުހަބާ ދަންނަވާފައެވެ.

މިބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ ސާކުގެ ފަރާތުން ކޮވިޑް-19 ހާލަތުގައި ސަރަހައްދީ ގައުމުތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްޕުޅުތަކާއި، މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމަށް އަދާ ކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް (ސާކް) އާއި ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކް އާއި ގުޅިގެން ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށާއި، އަންހެންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އަދި ސާކްގެ މެންބަރު ޤައުމުތަކުން ގުޅިގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މެންބަރު ޤައުމުތަކުން ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުކުޑަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމުން އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

އިއްޔެ ސާފް ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗުން ރާއްޖެ ހޯދި ކާމިޔާބީއަށް އަދި ސާކްގެ ސެކެރެޓަރީ ޖެނެރަލް ވީރަކޫން މަރުހަބާ ދެންނެވިއެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ޓީމުގެ ކުޅުން ފާހަގަ ކުރައްވާ ވީރަކޫން ތައުރީފު ކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ ރާއްޖެއިން ކުރިއަށް ގެންދާ ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި ރާއްޖެއިން ވެކްސިން ފޯރުކޮށް ދިނުމުގައި އެހެން ގައުމުތަކަށް ނަމޫނާ ދައްކާފައިވާކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާ ލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި ދެފަރާތައްވެސް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް ނަތިޖާ ނެރުމަށް އަޒުމު އާ ކުރައްވާފައެވެ.