ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހައްލުކޮށްފިއެވެ.
އެޗްޑީސީން ބުނީ، ހިޔާ ޓަވަރުގެ އެކި ސަރަޙައްދުތަކުގައި ގޭގޭގައި އުފައްދާ ކުނިވާޒާތުގެ ކުނި ބަހައްޓަމުންދާތީ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯ ގުޅިގެން ފަށާފައިވާ ކަމަށެވެ.
ހިޔާ ސަރަހައްދުގައި ފްލެޓްތައް މަރާމާތު ކުރުމަށްފަހު ގިނަ އަދަދެއްްގެ ޢިމާރާތް ކުރާ ސާމާނުތައް ހުރުމުން އެސަރަހައްދުގެ ސާފްތާހިރުކަން ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
7 ދުވަހުގެ މަސައްކަތުން މިހާތަނަށް އަޅާފައިވާ ކުނިތައް އެއްކޮށް ނަގާ ސާފުކޮށްފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
އެޗްޑީސީން ބުނީ، މަދުވެގެން ދުވާލަކު އެއްފަހަރު ކުނި ނެގުމަށް މިހާރު ކަނޑައަޅާފައިވާކަމަށެވެ.
އެޗްޑީސީއާއި ވެމްކޯ ގުޅިގެން މީގެކުރިން ހިޔާ ޓަވަރުތައް ހިމެނޭ 6 ސަރަޙައްދެއްގައި، ކުނިވާޒާތުގެ ކުނި އެޅުމަށް ޑަސްބިންތައް ބަހައްޓާފައިވެއެވެ.
އެގޮތުން ކޮންމެ ސަރަޙައްދެއްގައި 5 ޑަސްބިނާއެކު ޖުމްލަ 30 ޑަސްބިން ވަނީ، ގޭގެއިން އުފައްދާ ކުނިވާ ޒާތުގެ ކުނި އެޅުމަށް ބަހައްޓާފައެވެ. ޑަސްބިން ބަހައްޓާފަވާ ސަރަޙައްދުތަކަކީ ހިޔާ-05 ، ހިޔާ-08 ، ހިޔާ-09 ، ހިޔާ-12 ، ހިޔާ-13 އަދި ހިޔާ-16 ޓަވަރު ހިމެނޭ ސަރަޙައްދެވެ.
މި ޑަސްބިންތަކަށް އެއްކުރާ ކުނި، ވެމްކޯއިން ކޮންމެ ދުވަހަކުވެސް އުކާލާނެކަމަށް އެޗްޑީސީން ބުނެއެވެ.
މިއީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.